އިސްލާމްދީނަށް ފުރައްސާރަކުރުމަކީ މިނިވަންކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޢަލީ ޒާހިރު ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅު ތަކަށް އިންކާރުކޮށް އެކަންކަމާމެދު ހިތަށްއެރިހާ ވާހަކައެއް ދެއްކުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުން ބަލާއިރު ވަރަށްބޮޑު ކުށެއްކަމަށެވެ.
އަދި އެއީ އިންސާނީ ޙައްޤެއް ނޫންކަމަށާއި، މިނިވަން ކަމެއްވެސް ނޫންކަމަށް ޒާހިރު ވިދާޅުވިއެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅު ތަކަށް އިންކާރުކޮށް އެކަންކަމާމެދު ހިތަށްއެރިހާ ވާހަކައެއް ދެއްކުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުން ބަލާއިރު ވަރަށްބޮޑު ކުށެކެވެ. އެއީ އިންސާނީ ޙައްޤެއް ނޫނެވެ. މިނިވަން ކަމެއްވެސް ނޫނެވެ.
— Ali Zahir bin Saeed (@alizahirsaeed) June 27, 2020
ޝެއިޚް މިހެން ވިދާޅުވެފައިވާއިރު، އިސްލާމްދީނާ ފުރައްސާރަކޮށް ބައެއް މީހުން މީސް މީޑިއާގައިއާއި އެހެން ޕްލެޓް ފޯމްތަކުގައި އެމީހުންގެ އަމިއްލަ މިނިވަންކަންކަމަށްބުނެ އިސްލާމްދީނާ ދެކޮޅު ޚިޔާލުތައް ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯރޓް ފާހަގަކޮށްލެވެއެވެ. މިމައްސަލަ ހޫނުވެ ސަރުކާރުން އެމްއެންޑީއެންއިން އުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ. އެހެންނަމަވެސް އޭގެފަހުންވެސް އެމްއެންޑީއެންވަނީ ޙަރަކާތްތެރިވެފައެވެ.
އެގޮތުން އެމްޑީއެންއިންވަނީ ޖަމިއްޔަތުލް ސަލަފް އާއި އެޖަމްޢިއްޔާއަށް ނިސްބަތްވާ ބައެއް ފަރުދުން ހިންގާފައިވާ އަދި ހިންގަމުންދާ ހަރަކާތްތަކަކީ ޓެރަރިޒަމަށް ބާރުދޭ ޢަމަލުތަކެއްކަމުގައި ކުރެވޭ އިލްޒާމަކީ ސީރިއަސް މައްސަލަތަކެއްކަމާއި، އަދި 2015 ވަނަ އަހަރުގައި މިޖަމްޢިއްޔާއިން ނެރެފައިވާ “ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިންދަ މޯލްޑިވްސް” ރިޕޯޓުގައިވެސް މިގޮތުން އެ ޖަމްޢިއްޔާއާ ގުޅޭ ކަންތައްތަކެއް ފާހަގަކޮށްފައިވާކަމަށް ވީއިރު، އެ މައްސަލަތައް ތަޙްޤީޤު ނުކޮށް ގިނަ އަހަރުތަކެއް ވަންދެން އޮތުމަކީ މައްސަލަ އިތުރަށް ނުރައްކާތެރިވާނެ ކަމެއްކަމުގައި ދެކެ، މައްސަލަ ތަޙްޤީޤުކޮށް، ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
މީގެއިތުރުން ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “އުތެމާ” އިން ވަނީ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެންގެ ދިފާޢުގައި ރިޕޯރޓެއް ނެރެފައެވެ. އުތެމާގެ މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އެޖަމިއްޔާއިން ހުށަހަޅާ ރިޕޯޓެކެވެ.
މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައި ކަމަށް “އުތެމާ” ގެ މިރިޕޯރޓްގައިވެއެވެ. އަދި އެމްޑީއެން އިން ތައްޔާރުކޮށްފައިވާ ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް (ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މިންވަރު ދެނެގަތުމުގެ އިބްތިދާއީ ދިރާސާ) ގައި ސްކޫލްތަކުގެ މަންހަޖަށާއި މުއައްސަސާތަކަށާއި ރައްޔިތުންނަށް ދިމާވެފައިވާ އާޚިރު ނަތީޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތު ތަކެއް އެކުލެވިފައިވާ ކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.