ރައީސް ޞޯލިޙް - ރައީސް ނަޝީދު

މަޖިލީހަށް ސިފައިން ހާޒިރުވިޔަ ނުދޭން އުޅެނީ ރައީސާ ޞާލިޙް: ނަޝީދު

މިދިޔަ މަހުގެ 6 ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، މަޖިލީހުގެ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމުގައި ރައީސް ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތާއިބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަައިރީއަށް ވަކިވަކި ސިފައިން ހާޒިރުވުމަށް އަންގާފައި ވެއެވެ. ނަމަވެސް ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް  ޖަވާބުދާރީ ނުކުރެވޭނެކަމުގައި އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ، ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް، ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި، އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ނެރުނު މި ނޫސްބަޔާނުގައި ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއި ކުރައްވާފައިވެއެވެ. މި ނޫސްބަޔާނުގައި ޒަމީލް ސޮއި ކުރައްވާފައި ވުމުން އެމައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ނަޝީދު ހުށައަޅުއްވާފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއީދާއެކު މި މައްސަލަ ވަނީ ކޮމެޓީން ބޭރުކޮށްލާފައެވެ.

މި މައްސަލަ ކޮމިޓީން ބޭރުކޮށްލުމުން ރައީސް ސޯލިހް ފެކްޝަން މެންބަރުންނާއި ނަޝީދުގެ ފެކްޝަން މެންބަރުންގެ ދެމެދުގައި ދެބަސްވުން އުފެދި ބަހުގެ ހަމަލާތައް ބަދަލުކުަރަން ފަށާފައިވެއެވެ.

އެގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު މެސެޖެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ގްރޫޕަށް މެސެޖެއް ފޮނުއްވާފައިވެއެވެ. މި މެސެޖްގައި ބުނެފައިވަނީ، ރައްޔިތުން މަޖިލީހުގެ ސަލާމަތާއިބެހޭ ކޮމެޓީއަށް ސިފައިން ހާޒިރުވިޔަ ނުދޭން ރައީސް ސޯލިހް ލޮބީ ކުރައްވާފައިވާ ކަމަށެވެ.

"މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" ނަޝީދުގެ މެސެޖްގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތާއިބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަައިރީއަށް މިހާތަނަށް 7 މީހަކު ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދް އިސްމާއިލް އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ހާޒިރުކޮށްފައިވެއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވެސް ހާޒިރުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ