ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނެސް ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފައެވެ.
ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް އެ ބިލުގައި ހުށަހަޅާފައި ވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އެގޮތުން އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
މި ބަލާއި ގުޅޭގޮތުން ޝަހީމް މިއަދު ފޭސްބުކްގައި ހިއްސާކޮށްފައިވާ ލިޔުމެއްގައި ވިދާޅުވީ، ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭ ކަމަށް ދެކޭކަމަށެވެ. އެހެން ނޫން ނަމަ، ހުޅަހަޅާފައި އޮތް ޞީޣާ އޮތް ގޮތުން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ފެންނަކަމަށެވެ.
ޝަހީމް ވިދާޅުވީ، ނަފުރަތު އުފެއްދުމުގެ ޢަމަލުތައް އިސްލާމްދީނުގައި މަނާކުރައްވާފައިވާއިރު، އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެއް ކަމަށެވެ.
"ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ޤާނޫނުލްޢުޤޫބާތަށް ގެންނަން އުޅޭ އިޞްލާޙުގައި ނަފްރަތުގެ ޢަމަލަކީ ކޮބައިކަން ޞަރީޙަކޮށް ބަޔާންކުރަންޖެހޭނެއެވެ. އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި ޢަމަލުތައް ހިންގުން ޞަރީޙަކޮށް ޤާނުގައި މަނާކުރެވެން ޖެހޭނެއެވެ. އިސްލާމީ މުޖުތަމަޢުތަކުގައި ނަފްރަތުގެ ޢަމަލުގެ ފެށޭ ހިސާބަކީ އެއީ އެވެ. އިސްލާމީ ޢަޤީދާއާ ދެކޮޅު ބާޠިލު ފިކުރުތަކާއި ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޢަޤީދާގެ އަލީގައި ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެއެވެ." ޝަހީމްގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ.
ޝަހީމް ވިދާޅުވީ، ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށް. ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުން ކަމަށެވެ.
"ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭ ކަމަށް ދެކެމެވެ. އެހެން ނޫން ނަމަ، ހުޅަހަޅާފައި އޮތް ޞީޣާ އޮތް ގޮތުން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ފެނެއެވެ."ޝަހީމް ލިޔުއްވައިފައިވެއެވެ.
ޝަހީމް ވިދާޅުވީ، ޝަރުޢީ ޟަވާބިޠު ތަކުން ބޭރުން މީހުން ކާފިރުކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ ޚިލާފަށް ހިންގޭ އެންމެހާ ހަރުކަށި ވިސްނުންތަކާއި ޢަމަލުތަކަކީ ވެސް ޤާނޫނީ ގޮތުން ހުއްޓުވަންޖެހޭކަންކަމަށެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ނަފްރަތުގެ ޢަމަލުތައް ހުއްޓުވަން ޤާނޫނެއް ހަދާ ނަމަ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ޤާނޫނު އެކުލަވާލެވިއްޖެ ނަމަ ޤައުމާއި މުޖުތަމަޢަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށެވެ.
"ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިޔަތު ދިނުމުގެ މަގެވެ. މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހެއެވެ." ޝަހީމް ލިޔުއްވައިފައިވެއެވެ.
ޝަހީމު އިތުރަށް ވިދާޅުވީ، މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގު ކަމަށެވެ.




