އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އިއްޔެ އައްޑޫ ސިޓީން 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދުގެ އަދަދަކީ އައްޑޫ ސިޓީގައި ކޮވިޑް ކޮންޓްރޯލްވަމުންދާކަމުގެ އުފާވެރި ސިގްނަލްއެކެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެއްކަމަށެވެ.
އަދި ހިތަދޫއިން ފެނުނު އެ ކޭސްއަކީ ސަވަލައިލެންސް ސާމްޕަލެއްގެ ތެރެއިން ފެނުނު ކޭސްއެއް ކަމަށްވެސް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ.
މިވަގުތު ކޮވިޑްގެ އެކްޓިވް 98 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 2 މީހަކަށްދަނީ މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 238 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަދާހަމަ, 06 ޖޫން 18:00 ގެ ނިޔަލައް!#StayHome #WashYourHands #WearAMask pic.twitter.com/jX47KH0yFB
— Addu Emergency Operations Center (@EOCaddu) June 6, 2021
މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 63 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 7 ކޭސް އަދި މީދޫގައި އެއް ކޭސް، މަރަދޫގައި 5 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 71 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ އިތުރުވަމުންނެވެ.
އަދި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިބަލީގައި ރާއްޖެއިން 188 މީހަކުވަނީ ނިޔާވެފައެވެ.



