ޖިންސީ ގޯނާއާއި ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ދިން މުއްދަތު ހަމަވެއްޖެއެވެ.
ފަރުވާއަށް ޢަލީ ވަހީދަށް ދީފައިވަނީ ހަތަރު މަހުގެ މުއްދަތެވެ.
ޖިންސީ ގޯނާއާއި ގުޅޭ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައި ވަނިކޮށް ޢަލީ ވަހީދުގެ ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓް ދޫކޮށްފައިވަނީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކުރުމަށް އަމުރު ކުރުމާއި ގުޅިގެންނެވެ. އެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައި ވަނީ އޭނާއަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަމުގެ ޔަޤީންކަމެއްގެ ގޮތުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހުއެވެ.
ނަމަވެސް ޢަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ގޮސް ފިލާފައެވެ. އޭނާގެ ހަބަރެއް ހޯދުމަށް ދަޢުލަތުން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ އަންހެން މުވާއްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލާފައިވާތީއެވެ. އެގޮތުން ދަޢުލަތުން ވަނީ މި މައްސަލާގައި ޢަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް އުފުލާފައެވެ.
ނަމަވެސް ޢަލީ ވަޙީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.
ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށައެޅުމާއި ގުޅިގެން އޭނާ އުޅޭ ތަނެއް ހޯދުމަށް ޕީޖީ އޮފީހުގައި އެ ކޯޓުން ވަނީ އެދިފައެވެ. ނަމަވެސް ޕީޖީ އޮފީހަށް ދިން މުއްދަތުގައި ޢަލީ ވަހީދު އުޅޭ ތަނެއް ހޯދިފައެއް ނުވެއެވެ.
ޢަލީ ވަހީދު އުޅޭ ތަނެއް ނޭންގުމުން ހައިކޯޓުން ވަނީ އެ ދަޢުވާ ބާޠިލްވެސް ކޮށްފައެވެ.
އަލީ ވަހީދަށް ދިން ހަތަރު މަސް ހަމަވެފައިވާއިރު، އެ މުއްދަތުގައި ޢަލީ ވަހީދު ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިފައިވެއެވެ.



