ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ.
ޢަލީ ވަހީދުގެ ޝަރީއަތެއް ބޭއްވުމަށް ނިންމާފައި މިވަނީ ޖިންސީ ގޯނާއާއި ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް އޭނާ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ދިން މުއްދަތު ހަމަވިފަހުންނެވެ.
އެ މިނިސްޓްރީގެ އަންހެން މުވާއްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދަޢުލަތުން 7 ދަޢުވާ އުފުލާފައިވާތީ، އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ.
ނަމަވެސް ބޭސްފަރުވާއަށް ޢަލީ ވަހީދުގެ ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓް ދޫކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައި ވަނީ އޭނާއަށް ދީފައިވާ ހަތަރު މަހުގެ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަމުގެ ޔަޤީންކަމެއްގެ ގޮތުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހުއެވެ.
އަލީ ވަހީދަށް ދިން ހަތަރު މަސް ހަމަވެފައިވާއިރު، އެ މުއްދަތުގައި ޢަލީ ވަހީދު ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިފައިވެއެވެ. އެގޮތުން މި މުއްދަތުގައި ޢަލީ ވަހީދު ރާއްޖެ އައިސްފައި ނުވާތީ އަދި އޭނާ ހޯދުމަށް ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާތީ ދަޢުލަތުން އޮތީ އަޑުބަރޭގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދިފައެވެ.




