ސުވިޑިންގެ ބޮޑުވަޒީރުގެ އިތުބާރުނެއްކަމަށް ޕާލަމެންޓުން ފާސްކޮށްފި

ސުވިޑިންގެ ބޮޑުވަޒީރު ސްޓެފަން ލޮފްވެންގެ އިތުބާރުނެއްކަމަށް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ.

ޕާލަމެންޓުގައި ހިމެނިވަޑައިގައްނަވާ 349 މެންބަރުންގެ ތެރެއިން 181 މެންބަރުންވަނީ ބޮޑުވަޒީރު ލޮފްވެންގެ އިތުބާރު ނެއްކަމަށް ވޯޓުދީފައެވެ. މިއީ ސުވިޑިންގެ ތާރީހުގައިވެސް ބޮޑުވަޒީރެއްގެ އިތުބާރު ނެއްކަމަށް ފާސްކުރި ފުރަތަމަ ފަހަރެވެ.

ސޯސިއަލް ޑިމަކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގައްނަވާ ލޮފްވެން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގައްނަވާނެއެވެ. ނުވަތަ އިންތިހާބު ބޭއްވުމަށް އިއުލާން ކުރަން ޖެހިވަޑައިގައްނަވާނެއެވެ.

ބޮޑުވަޒީރު ލޮފްވެންގެ އިތުބާރު ނެއްކަމަށް ފާސްކުރުމަށް ޕާލަމެންޓަށް ހުށަހަޅައިފައިވަނީ، ކުލި ކޮންޓްރޯލް ކުރުމާއި ގުޅޭ މައްސަލައެއްގައި ލެފްޓް ޕާޓީއިން ކޯލިޝަނަށް ތާއީދު ނުކުރުމަށް ނިންމުމުންނެވެ.

ޕާލަމެންޓުގެ މި ނިންމުމާއެކު ގްރީން ޕާޓީއާއެކު ސޯސިއަލް ޑިމަކްރެޓިކް ޕާޓީއިން ހަދައިފައިވާ މައިނޯރިޓީ ކޯލިޝަން ސަރުކާރު ވެއްޓިގެން ދާނެއެވެ. ބޮޑުވަޒީރު ލޮފްވެން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިސްތިއުފާ ދީފިނަމަ ޕާލަމެންޓުގެ ރައީސް ސަރުކާރެއް އެކުލަވާލެއްވުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރަން ޖެހޭނެއެވެ.

އިންތިހާބު ބޭއްވުމަށް އިއުލާން ނުކޮށް ބޮޑުވަޒީރު ލޮފްވެން މަގާމުން އިސްތިއުފާ ދީފިނަމަ އަލަށް ޕާލަމެންޓުގެ ތެރެއިން ނަގާ ބޮޑުވަޒީރަކު އަންނައަހަރު ސެޕްޓެމްބަރ ބާއްވާ އާންމު އިންތިހާބާއި ހަމައަށް ބޮޑުވަޒީރު ކަމުގައި ހުއްނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ