ކިންގް ސަލްމާން މިސްކިތް | ފޮޓޯ : ޕީއެސްއެމް

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފުދެއް އަންނަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން 2017 ވަނަ އަހަރު އިމާރާތްކުރަންފެށި ކިންގް ސަލްމަން މިސްކިތް ހުޅުމުގެ މަޝްވަރާއަށް ސައުދީއަރަބިއްޔާގެ ވަފުދެއް އަންނަ ހަފްތާތެރޭގައި ރާއްޖޭ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސަޢުދީވެ ވަފުދެއް ރާއްޖޭ ޒިޔާރާތް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތިން ބޭފުޅުންގެ މައްޗަށް ހިމެނޭ ވަފުދެކެވެ.

ސަރުކާރުން މީގެ ކުރިން ވިދާޅުވެފައި ވަނީ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުން ދަނީ ސަޢުދިއަރަބިޔާ އިން ވަޑައިގަންނަވާ ވަފުދަށް ވަޑައިނުގަނެވިގެން ކަމަށެވެ.

މިދިޔަ ރަމަޟާންމަހުގެ ކުރިން ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އެފަހަރު މިސްކިތް ހުޅުވުން ވަނީ ލަސްކޮށްފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ކިންގް ސަލްމާން މިސްކިތް ނުހުޅުވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އެ މިސްކިތް ހުޅުވުން ލަސްކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކިންގް ސަލްމާނު މިސްކިތަކީ ސަޢޫދީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން ޢިމާރާތް ކުރައްވާފައިވާ މިސްކިތެއްކަމަށާއި، އެމިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެލެއްވުމުގެ ޝައުޤުވެރިކަން ސަޢޫދީ ސަރުކާރުން ފާޅު ކުރައްވާފައިވާކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގައި 5 ފަންގިިލާ ހިމެނޭއިރު، ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ. މި މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމް ހިމެނޭއިރު، އިސްލާމިކް ކުތުބުޚާނާއަކާއި، ސެމިނަރ ރޫމަކާއި، އިދާރީ މަސައްކަތްތައް ކުރެވޭ ގޮތަށް ޚާއްސަކޮށްފައިވާ ބައެއް އެ ފަންގިފިލާގައި ހިމެނެއެވެ.

މީގެ އިތުރުން މި މިސްކިތުގެ ހަތަރުވަނަ ފަންގިފިލާ ކޮންފަރެންސްތަކާއި، ސެމިނަރތައް ބޭއްވުމަށާއި، ދީނީ ދަރުސްތަކާއި އަދި ނަމާދުވެސް ކުރެވޭނެ ގޮތަށް ވަނީ ޚާއްސަ ކުރެވިފައެވެ.

މި މިސްކިތަކީ އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ