މާވެލްގެ ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ" ދެވަނަ ބައިގެ ޕްރޮޑަކްޝަން މަސައްކަތް ފަށައިފިކަން މާވެލް ސްޓޫޑިއޯގެ ވެރިޔާ ކެވިން ފީޖް ކަށަވަރުކޮށްދީފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޓްލަންޓާގައި މި ފިލްމްގެ ޝޫޓިން ފަށައިފައިވާ ކަމަށް ކެވިން ފީޖް ހާމަކުރިއިރު، އޭނާ ބުނީ ފިލްމްގެ މަސައްކަތް ޗެޑްވިކް ބޯސްމެން އާއި ނުލާ ކުރަން ވަރަށް ހިތްދަތި ކަމަށެވެ.
"ބްލެކް ޕެންތާ"ގައި ބްލެކް ޕެންތާން ރޯލު ކުޅެގެން މަޝްހޫރުކަން ހޯދި އެކްޓަރު ޗެޑްވިކް ބޯސްމެން، ކެންސަރު ބަލީގައި މިދިޔަ އަހަރުގެ އޮގަސްޓުމަހު ވަނީ މަރުވެފައެވެ.
ދާދިފަހަކުން ލޮސް އެންޖެލަސް ގައި އޮތް 'ބްލެކް ވިޑޯ" ފިލްމްގެ ގްލޯބަލް ފޭން އިވެންޓެއްގައި ވާހަކަ ދައްކަމުން، ކެވިން ފީޗް ބުނީ "ބްލެކް ޕެންތާ"ގެ ސީކުއަލް މަސައްކަތް ފެށިނަމަވެސް، ޗެޑްވިކް ބޯސްމަން ނެތުމުން މުޅި ޓީމު ހުރީ ހިތްދަތި ވެފައިކަމަށެވެ.
ނަމަވެސް "ވަކަންޑާ"ގެ ދުނިޔެ އެނބުރި ފޭނުންނަށް ގެނެސްދެވޭތީ އެންމެންވެސް ހުރީ ވަރަށް އުފަލުން ކަމަށް ފީޗް ބުންޏެވެ. އަދި ޗެޑްވިކް ފަހުރުވެރިވާ ފަދަ ގޮތަކަށް ފިލްމް ގެނެސްދޭން އެންމެންވެސް މަސައްކަތް ކުރާ ކަމަށް އޭނާ ހާމަކުރިއެވެ.
ބްލެކް ޕެންތާގެ ސީކުއަލްގައި ފުރަތަމަ ބައިގައި ފެނުނު ހުރިހާ ކާސްޓުންވެސް ފެނިގެންދާނެއެވެ. ނަމަވެސް ސީކުއަލްގެ ވާހަކަ އާއި ގުޅޭގޮތުން މާވެލް އިން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ކެވިން ފީޖް ބުނީ، ޗެޑްވިކްގެ ބަދަލުގައި "ބެލްކް ޕެންތާ" ސުޕަހީރޯގެ ރޯލުން އެހެން ތަރިއަކު ނުފެންނާނެކަމަށެވެ.
ޗެޑްވިކް މަރުވުމުގެ ކުރިން، "ބްލެކް ޕްންތާ"ގެ ދެވަނަ ބައެއް ގެނެސްދިނުމަށް އިއުލާންވެސް ކޮށްފައިވާއިރު، މި ރޯލު، ޗެޑްވިކްގެ ބަދަލުގައި އެހެން އެކްޓަރަކު އަދާނުކުރިނަމަވެސް، ވަކަންޑާގެ ވާހަކަތަކާއި، އަދި ފިލްމްގައި ފެނިގެންދިޔަ އެހެން ކެރެކްޓަރ ތަކުގެ ވާހަކަ ފިލްމްގެ ދެވަނަ ބައިން ގެނެސްދޭނެކަމަށް މާވެލް އިން ވަނީ އިއުލާންކޮށްފައެވެ.
މާވެލް އިން ބުނެފައިވާގޮތުގައި، ޗެޑްވިކްގެ ބަދަލުގައި މި ރޯލު ކުޅުމަށް އެހެން އެކްޓަރަކު ހަމަ ޖައްސަން ނުނިއްމީ، ޗެޑްވިކް އަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ.
43 އަހަރުގައި ޗެޑްވިކް މި ދުނިޔެ ދޫކުރީ ފާއިތުވި 4 އަހަރުގެ ކެންސަރާއި ހަނގުރާމަކުރުމަށްފަހުއެވެ.
"ބްލެކް ޕެންތާ 2" ސިނަމާތަކަށް އަންނާނީ، 8 ޖުލައި 2022 ގައެވެ.



