ޢަލީ ވަޙީދު - ފޮޓޯ: ޓްވިޓާ

މިއަދަށް ތާވަލްކުރި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ދިވެހިރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުއްޓާ އޮންލައިންކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޝަރީއަތް ކުރިޔަށްގެންދާ މައްސަލައިގެ އިސްތިޢުނާފު އަޑު އެހުން މިއަދު ކެންސަލް ކޮށްފިއެވެ.

ކްރިިމިނަލް ކޯޓުން ވަނީ ޢަލީ ވަހީދު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޤާނޫނު ނުހިނގާތަނެއްގައި ހުއްޓާ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ރޭޕްގެ ދަޢުވާތަކުގެ ޝަރީޢަތް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށާފައެވެ.

މި މައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާއިރު، އިސްތިޢުނާފުގެ އަޑު އެހުމެއް މިއަދު މެންދުރު ފަހު 3:15 ގައި ބާއްވާ ގޮތަށް އިއްޔެ ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް މިއަދު އެއަޑުއެހުން ބާއްވާފައިނުވާއިރު، މި އަޑުއެހުން ކެންސަލް ކޮށްފައިވާ ސަބަބެއް އެ ކޯޓުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ޢަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ އަންހެން މުވާއްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދަޢުލަތުން 7 ދަޢުވާ އުފުލާފައި އޮތުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.

ބޭސްފަރުވާއަށް ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައި ވަނީ ހަތަރު މަސްދުވަހަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ހަމަވެފައިވާއިރު، އޭނާގެ ބޭސްފަރުވާގެ ކަންކަން އަދި ނުނިމޭކަމަށް ވަނީ އަންގާފައެވެ. އެހެން ކަމުން އަދިވެސް ޢަލީ ވަހީދު ހުންނެވީ ރައްޖެއިން ބޭރުގައެވެ.

ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައި ވަނީ އޭނާއަށް ދީފައިވާ ހަތަރު މަހުގެ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަމުގެ ޔަޤީންކަމެއްގެ ގޮތުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ