ބަނގުލަދޭޝްގެ ފެކްޓަރީއެއްގައި ރޯވެ 52 މީހުން މަރުވެ 30 މީހުން ޒަހަމްވެއްޖެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ހާޝިމް ފުޑް އެންޑް ބެވަރޭޖް ފެކްޓަރީގައެވެ. މި ފެކްޓަރީ ހުއްނަނީ ވެރިރަށް ޑާކާއާއި މާދުރުނޫން ސިނާއީ ޓައުނެއް ކަމަށްވާ ރަޕްގަންޖްގައެވެ.
ކަމާބެހޭ ފަރާތްތަކުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ފެކްޓަރީގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ކެމިކަލްސް އާއި ޕްލާސްޓިކް ޖަމާކޮށްފައިވާ ސަރަހައްދުގައި ކަމަށެވެ. މިހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އެހެނީ ފެކްޓަރީގައި މަސައްކަތްކުރާ ބަޔެއް މީހުން އަދިވެސް ނުފެއްނަކަމަށް ވެއެވެ.

ހަބުރީގެ މި ފެކްޓަރީއަކީ މޭވާގެ ޖޫހާ، ނޫޑުލީހާއި، އަދި އެކިފާޑުގެ ފޮނިކާތަކެތި އުފައްދާ ފެކްޓަރީއެކެވެ. ފެކްޓަރީގައި އަލިފާން ރޯވިއިރު ގިނަ އަދަދެއްގެ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިންމުމަށްފަހުވަނީ ފެކްޓަރީ ދޫކޮށް ގޮސްފައެވެ. ނަމަވެސް ހާދިސާ ހިނގިއިރު 100 އެއްހާ މުވައްޒަފުން ތިބޭނެކަމަށް ބެލެވޭކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރުދުށް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގުމާއެކު ފެކްޓަރީގައި މަސައްކަތްކުރި ބަޔެއް މީހުންވަނީ ފެކްޓަރީގެ މަތިން ބޭރަށް ފުންމާލައިފައެވެ. މިކަމުގެ ސަބަބުންވެސް ބަޔެއް މީހުންނަށް އަނިޔާވެފައިވާކަމަށް މަންޒަރުދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.




