ދެކޮރެއާ ދެމެދު އަނެއްކާވެސް ހޮޓްލައިން ގާއިމުކޮށްފި

މިދިޔަ އަހަރުގެ ޖޫންމަހު އުތުރު ކޮރެއާއިން ހިދުމަތް މެދުކަނޑާލައިފައިވާ ދެކޮރެއާ ގުޅުވައިދޭ ހޮޓްލައިން އަނެއްކާވެސް ގާއިމުކޮށްފިއެވެ.

ދެކުނު ކޮރެއާ ރައީސްގެ އޮފީހުން ވިދާޅުވީ، ދެގައުމުގެ ދެމެދުގައިވާ ގުޅުން ހަރުދަނާކުރުމަށް ދެކޮރެއާގެ ލީޑަރުން އެއްބަސް ވެފައިވާ ކަމަށެވެ. މީގެއިތުރުން ދެލީޑަރުން ދެމެދު އޭޕްރީލްމަހުން ފެށިގެން ސިޓީތައް ބަދަލުކުރެވެމުންދާ ކަމަށެވެ.

އުތުރު ކޮރެއާއިން ދެކޮރެއާ ދެމެދު ގާއިމުކުރެވިފައިވާ ހޮޓްލައިންގެ ހިދުމަތް 2020 ވަނަ އަހަރުގެ ޖޫންމަހު ކަނޑާލައިފައިވަނީ ދެކޮރެއާގެ ދެމެދު ގުޅުން ގާއިމްކުރުމަށް ބޭއްވުނު ސަމިޓް ފެއިލްވެ ދެކޮރެއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިއުމާއި ގުޅިގެންނެވެ. މީގެއިތުރުން އެފަހަރު އުތުރު ކޮރެއާއިންވަނީ ދެކޮރެއާ ހިއްސާކުރާ ސަރަހައްދީ ރޮނގުގައި ގާއިމްކޮށްފައިވާ ބޯޑަރު އޮފީސްވެސް ގޮއްވާލައިފައެވެ.

އުތުރު ކޮރެއާގެ މީޑިއާއިންވެސްވަނީ ދެކޮރެއާ ދެމެދު އަނެއްކާވެސް ހޮޓްލައިންގެ ހިދުމަތް ގާއިމް ކުރެވިފައިވާކަން ހާމަކޮށްފައެވެ. ހޮޓްލައިން ގާއިމުކުރުމަށްފަހު ކުރެވުނު ފުރަތަމަ ފޯނު ކޯލުގައި ދެކޮރެއާގެ އޮފިޝަލުން ތިންމިނެޓަށް ވާހަކަ ދައްކައިފައި ވެއެވެ.

ދެކޮރެއާ ދެމެދު އޮތް ގުޅުން 2018 ވަނަ އަހަރުވަނީ ވަރަށް ބޮޑުތަނުން ބަދަހިވެގެން ގޮސްފައެވެ. މިގޮތުން ދެގައުމުގެ ލީޑަރުން ތިންފަހަރެއްގެ މަތިން މިއަހަރުގެތެރޭ ބައްދަލުކޮށްފައި ވެއެވެ. މިގުޅުން ހީނަރުވެގެން ގޮސްފައިވަނީ އުތުރު ކޮރެއާގެ ލީޑަރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ބޭއްވެވި ދެވަނަ ބައްދަލުވުން ފެއިލްވުމާއި ގުޅިގެންނެވެ.

އިތުރަށް ދެކޮރެއާގެ ގުޅުން ހީނަރުވީ ދެކުނު ކޮރެއާގެ ގުރޫޕުތަކުން އުތުރު ކޮރެއާއަށް ޕުރަޕެގެންޑާ ލިއުންތައް ބޯޑަރު ހުރަސްކޮށް ފޮނުވާ މައްސަލައިގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ