އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު ރަށާއި ވަކިން އޮންނަ ހުޅުމީދޫ ބުރިޖަކުން ގުޅުވާލުމުގެ މަޝްރޫއުގެ ތެރެއިން ބުރިޖުގެ ޑިޒައިން ހެދުމަށް ހޭދަވާނެ ފައިސާ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ހިމަނަން ސަރުކާރަށް ހުށަހަޅާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
"ބުރިޖު ޓޯކްސް ވިތް އައްޑޫ ސިޓީ މޭޔަރު" ނަމުގައި އައްޑޫ ވޮއިސް އިން ކްލައިބް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ބައިވެރިވެވަޑައިގެން އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގެ ގިނަ ރައްޔިތުން އެދޭ ގޮތަށް ބުރިޖު އެޅުމަށް ޓަކައި ކުރަން ޖެހޭ ދިރާސާތަކާއި އޭގައި ދެމެހެއްޓެނިވި ގޮތަކަށް މަޝްރޫއު ހިންގޭނެ ގޮތުގެ ދިރާސާއާއި ބުރިޖުގެ ޑިޒައިން ކޮންސެޕްޓް ތައްޔާރު ކުރުމުގެ ހޭދަތައް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ސިޓީ ކައުންސިލުން ހުށަހަޅުއްވާނެ ކަމަށެވެ.
ނިޒާރު ވިދާޅުވީ، ބުރިޖުގެ ކޮންސެޕްޓް ޑިޒައިން ކުރުމަށް ފަސް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި މުޅި ބުރިޖުގެ މަޝްރޫއަށް 400 މިލިއަން ޑޮލަރަށް ގާތް ކުރާ ވަރަށް ވެސް ޚަރަދު ނުވާނެ ކަމަށެވެ.
އައްޑޫ ބްރިޖް މަޝްރީއަކީ މޭޔަރުގެ އިންތިޚާބީ ވައުދެކެވެ. ނިޒާރު ވިދާޅުވީ، އައްޑޫ އާއި އައްޑޫގެ ހިތަދޫއާއި، މަރަދޫއާއި، މަރަދޫފޭދޫއާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް އޮތް ސަރަހައްދުއާއި ހުޅުދޫއާއި މީދޫ އޮތް ސަރަހައްދު ބުރިޖަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭނީ ކޮންގޮތަކުންތޯ ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ފުރަތަމަ ކޮންސެޕްޓް ޑިޒައިން ތައްޔާރު ކުރަން ބަޖެޓްގައި ހުށަހަޅާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓްގައި އެ ފައިސާ ހިމަނަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެއްވާފައިވާ ކަމަށެވެ.
އައްޑޫގެ ސަރަހައްދުތައް ބުރިޖަކުން ގުޅުވާލުމުގެ މަޝްރޫއެއް ފަށައިދިނުމަށް އެދި އައްޑޫގެ ގިނަ ބަޔަކު ވަނީ އައްޑޫ ވޮއިސްގެ ނަމުގައި ކެމްޕެއިނެއްވެސް ފަށައިފައެވެ.




