ޔޫއެސް މިލިޓަރީ ބޯޓެއްގެ ތެރެއަށް އަފްގާން އަންހެނަކު ވިހައިފި

އެފްގާނިސްތާނުގެ ކާބުލް އެއާޕޯޓުން އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުން އަފްގާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަސްކަރިއްޔާ ބޯޓެއްގެ ތެރެއަށް އަފްގާން އަންހެނަކު ވިހައިފިކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޔޫއެސް އެއާ މޮބިލިޓީ ކޮމާންޑުން ކުރި ޓްވީޓެއްގައި ބުނީ، އިއްޔެ ކާބުލް އެއާޕޯޓުން ޖަރުމަނުގެ އެއާބޭސްއަށް ދަތުރުކުރި އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއްގެ ތެރޭ ހުރި މާބަނޑު އަންހެނަކު ދަތުރުކުރި ވަގުތު ބަނޑުގައި ރިއްސަން ފެށިކަމަށެވެ. އަދި ބޯޓު ޖެއްސި ވަގުތު މެޑިކަލް ސަޕޯޓުން ބޯޓަށް އަރާ ބޯޓުގެ ކާގޯގައި އަންހެން މީހާ ވިއްސި ކަމަށެވެ.

ވިހެއުމަށްފަހު އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު، އަންހެން މިހާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ޔޫއެސް އެއާ މޮބިލިޓީ ކޮމާންޑުން ހާމަކުރިއެވެ.

ތާލިބާނުން އަފްގާންގެ ވެރިރަށް ކާބުލް ހިފުމާއެކު އެތައް ހާސް ބަޔަކު އެގައުމު ދޫކޮށް ދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އަފްޣާނިސްތާނުން އެމެރިކާ ބޭރުކުރަމުން ގެންދަނީ އެގައުމުގައި ތިބި އެމެރިކާ އާންމު ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި އަފްޣާން ރައްޔިތުންނެވެ.

ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓް މިވަގުތު އޮތީ  އެމެރިކާގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައެވެ. ވައިޓް ހައުސް އިން މިދިޔަ ހޮނިހިރު ދުވަހު ހާމަކުރިގޮތުގައި، މިހާތަނަށް 17000 އެއްހާ މީހުން ވަނީ ވައިގެ މަގުން އަފްގާނުން ބޭރުކުރެވިފައެވެ.

އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް ޖޯ ބައިޑަން ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް މި މުއްދަތު އިތުރުކުރުމަށް އެކި ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ