އަފްޣާނިސްތާންގެ ވެރިވަރަށް ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭރުގައިރޭ ދިން ދެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 90 އާއި ގާތްކޮށްފި ކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
ކާބުލްގެ އެއާޕޯޓު ސަރަހައްދުގައި ދެ ބޮން ގޮށްވާލާ ދިން މި ޓެރެރިސްޓް ހަމަލާއަކީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ގޮފި ކަމުގައި ޗާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ) އިން ދިން ހަމަލާއެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ހަމަލާގައި މަރުވި މީހުންގެ އަދަދު 90 އަށް އަރައިފައިވާއިރު، 150 އަށް ވުރެ ގިނަ މީހުން މި ހަމަލާގައި ޒަހަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ އަސްކަރިއްޔާގެ 13 މެންބަރަކު ހިމެނޭ ކަމަށް ބީބީސީ ނޫހައި ރިޕޯޓުކޮށްފައިވެއެވެ.
މިއީ އައިސިސް-ކޭ އިން ދިން ހަމަލާއެއް ކަމަށް ކަށަވަރުކޮށްދީފައިވާއިރު، އެމެރިކާގެ ރައީސް ބައިޑަން ވަނީ ހަމަލާދިން މީހުންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު އަފްގާނުން މީހުން ބޭލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އިނގިރޭސިވިލާތާއި، ޖަރުމަން އަދި ނޭޓޯ އިން ވަނީ މީހުންގެ ބޭލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެ، އެ މަސައްކަތް މިހާރު ފަށައިފައެވެ. އަދި އަފްގާންގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ބޭލުމުގެ މަސައްކަތް އަވަސްކޮށް މި މަސް ނިމުމުގެ ކުރިން މީހުން އެއްކޮށް ބޭލުމަށް އަމާޒު ހިފައިފާ ވާކަމަށް ގައުމުތަކުން ވަނީ ހާމަކޮށްފައެވެ.
އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް ޖޯ ބައިޑަން ވަނީ މީގެ ހާމަކުރައްވައިފައެވެ. މިހާތަނަށް އެމެރިކާ ސިފައިން 80000 އަށްވުރެ ގިނަ މީހުން އަފްގާނުން ބާލައިފައިވާއިރު، އަދިވެސް 1500 އެއްހާ އެމެރިކާ ރައްޔިތުން އަފްގާންގައި ތިބި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އަފްޣާނިސްތާނުން އެމެރިކާ ބޭރުކުރަމުން ގެންދަނީ އެގައުމުގައި ތިބި އެމެރިކާ އާންމު ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި އަފްޣާން ރައްޔިތުންނެވެ.
ރޭ އެއާޕޯޓު ސަރަހައްދުގައި ދެ ބޮން ގޮއްވާލިއިރު، މި ހަމަލާތައް ދީފައި ވަނީ ޓެރަރިސްޓް ގްރޫޕް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ޓެރަރިސްޓު ހަމަލާއެއް އައިސްފާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން އިންޒާރު ދީފައިވަނިކޮށެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން ގާތު އެއާޕޯޓާއި ދުރުގައި ތިބުމަށް ގައުމުތަކުން ވަނީ އެދިފައެވެ. ބޮމުގެ ހަމަލާ ދިނީ އޭގެ ގަޑިއިރެއްހާ ފަހުންނެވެ.
ކާބުލްގެ މައި އެއާޕޯޓާއި ކައިރި ސަަރަހައްދަކުން ފުރަތަމަ ބޮން ގޮއްވާލައިފައިވަނީ އެގައުމުގެ ގަޑިން ހަވީރު 18:00 ހާއިރުއެވެ. އަދި ބަޑީގެ ހަމަލާތަކަކަށްފަހު، ދެވަނަ ބޮން ގޮއްވާލީ އެއާޕޯޓަށް ވަންނަ މައި ދޮރާއްޓަކާއި ކައިރިންނެވެ. ދެވަނަ ބޮން ގޮއްވާލީ މީހެއްގެ ހެދުމުގައި ބޮން ހަރުކޮށް ޖާނުން ފިދާވެގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވަނީ ރިޕޯޓުކޮށްފައެވެ.




