ދިވެހި ފިލްމީދާއިރާއިން އެކްޓް ކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު(ޔޫއްޕެ) ފުރުސަތެއް ހުޅުވާލައިފިއެވެ.
މިއީ ޔޫއްޕެގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ޔޫއްޕެ ޕްރޮޑަކްޝަން އިން އާއްމުންނަށް އޮޑިޝަންގައި ބައިވެރިވެގެން އެކްޓް ކުރުމުގެ ހުނަރު ދައްކާލުމަށް ދޭ ފުރުސަތެކެވެ. މިގޮތަށް މީގެ ކުރިންވެސް ޔޫއްޕެ ވަނީ އެތައް ފުރުސަތެއް އާންމުންނަށް ހުޅުވާލާ އާ ކުދިންނަށް ޔޫއްޕެގެ ފިލްމްތަކުން ފުރުސަތު ދީފައެވެ.
ޔޫއްޕެ ޕްރޮޑަކްޝަން އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެކްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އޮޑިޝަން އޮންނާނީ މާދަމާ ރޭ ސީޑް ބައި ބީސީސީ ގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. ޔޫއްޕެ ބުނީ އެކްޓް ކުރުމަށް ޝައުގުވެރިވާ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް މި ކާސްޓިން ކޯލުގެ އޮޑިޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
ރާއްޖޭގެ ފިލްމި ދާއިރާއަށް އާކުދިން ނެރުމަށް ޔޫއްޕެ އަކީ އަބަދުވެސް އޭނަގެ ބޮޑެތި ފިލްމްތަކުން އާ އެކްޓަރުންނަށް ފުރުސަތު ދޭ ޑައިރެކްޓަރެކެވެ. އެގޮތުން މިފަހަކުން އާންމުގެ މަގުބޫލުކަން ހޯދި ޓިކްޓޮކްގެ މަޝްހޫރު ތަރި ޝިފާ ވެސް ފުރަތަމަ ފިލްމީ ދާއިރާ އަށް ނުކުތީ ޔޫއްޕެގެ ފިލްމަކުންކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ފިލްމް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ޔޫއްޕެ މި ދޭ ފުރުސަތަކީ ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.





