އައްޑޫ ސިޓީ - ފޮޓޯ: ޒުބްލޫޑައިވިންގ

އައްޑޫގެ ސްކޫލްތައް ބަންދުކޮށް، ރޭގަނޑު ކާފިއު ހިންގަނީ

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް އައްޑޫ ސިޓީން ފެންނަމުންދާތާ ކުޑަދުވަސްކޮޅެއް ފަހުން އައްޑޫގެ ހަތަރު އަވަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް ރޭގަނޑު ކާފިއު ހިންގަން ނިންމައިފިއެވެ.

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން އެޗް. ޕީ. އޭއިން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގަށް ލުމާއި ގުޅިގެން އައްޑޫގައި އަޅަން ނިންމައިފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، 2021 އޮގަސްޓް 29 ވަނަ ދުވަހުގެ 21:00 އިން ފެށިގެން ފަތިހު 04:00 ގެ ނިޔަލަށް، ކާފިއު ވަގުތު ކަމުގައި ހަމަޖައްސައި، މިވަގުތު ތަކުގައި ބޭރަށް ނިކުތުން މަނާވާނެ ކަމަށެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ އައްޑޫ އީ.އޯ.ސީގެ
ހުއްދައާއެކު ބޭރަށްދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ސްކޫލްތައް 02 ހަފްތާއަށް ބަންދުވާނެ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން އިން އަންގާގޮތެއްގެ މަތީން ގްރޭޑް 9 ގެ ދަރިވަރުންގެ ކިޔެވުން ރައްކާތެރިކަމާއެކު ކުރިއަށްދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ދެ ހަފްތާގެ ކުރިން ހާލަތު ރަނގަޅުވެއްޖެ ނަމަ، ސްކޫލްތައް ހުޅުވުމާ މެދުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އަޅަން ނިންމައިފައިވާ އިތުރު ފިޔަވަޅުތައް:

  • އާއްމުކޮށް ބާއްވާ އެއްވުންތަކާއި ޕާޓީތައް ބޭއްވުން 02 ހަފްތާއަށް މެދުކަނޑާލުން.
  • ގާޑިޔާ، ހޮޓާ ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 21:00 ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތް ދިނުމާއި، އަދި 10:00 އާ ހަމައަށް ދެންނެވުނު ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން.
  • ފިހާރަތަކުން 21:00 ގެ ނިޔަލަށް ހުޅުވައިގެން ހިދުމަތްދިނުމާއި، އަދި 22:00 ގެ ނިޔަލަށް ޑެލިވަރީގެ ޚިދުމަތްދިނުން.

މީގެ އިތުރުން، 2021 އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީން ފުރާ އެންމެންގެ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް އެޅިފައިވާ އެންމެހައި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގައިފައެވެ. އަދި މޮނިޓަރިންގ ހާލަތުގައި އާއްޑުއިން ދަތުރުކުރެވޭނީ އައްޑޫ އީ،އޯ.ސީގެ ހުއްދަ ލިބިގެން ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 153 އަށް އަރާފައެވެ. އަދި އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ