އިލެކްޝަން ކޮމިޝަން(އީސީ)ގެ ރައީސް ކަމުގެ މަޤާމަށް އަނެއްކާވެސް، އެ ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގް އިންތިހާބު ކޮށްފިއެވެ.
އީސީން މިއަދު ވިދާޅުވީ، ފުއާދު އެ ކޮމިޝަނުގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ އެ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ހުސްވީ، މިދިޔަ ޖޫން މަހު އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ޝަރީފް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
މީގެ ކުރިންވެސް އީސީގެ ރައީސް ކަން ކޮށްފައިވާ ފުއާދު، މި މަޤާމަށް އިންތިހާބުކުރެއްވިއިރު، އެމަނިކުފާނަށް އޭރު އެ މަޤާމު ގެއްލުނީ 2013 ވަނަ އަހަރުގެ އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އިއްވެވި ހުކުމަކާ ގުޅިގެންނެވެ.
ފުއާދު ވަނީ ނިމިދޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރައްވައިފައެވެ. ނަމަވެސް ނާކާމިޔާބީއާ ކުރިމަތިވަޑައިގެން، 2019 ވަނަ އަހަރު ނޮވެމްބަރު މަހު އަލުން ވަނީ އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރައްވައިފައެވެ.




