އަރައްބިއްޔާ ސްކޫލާމެދު މި ސަރުކާރުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު

އަރަބި މީޑިއަމަށް ކިޔަވައިދޭން މާލޭގައި ހުންނަ ހަމައެކަނި ސްކޫލް، އަރަބިއްޔާ ސްކޫލާމެދު މި ސަރުކާރުން ތަފާތުކުރުން ގެންގުޅުއްވާ ކަމަށް  ކުރީގެ އިސްލާމިކް މިނިސްޓަރު އަދި  ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތުހުމަތުކުރައްވައިފި އެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތަށް ގެއްލުންވެފައިވާތީ އެ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެން، އެ ނިންމުމުގެ ސަބަބުން ކުދިންގެ އިސްލާމީ ތައުލީމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ އަރައްބިއްޔާ ބެލެނިވެރިން އިއްޔެ ވަނީ އެ ނިންމުމާ ދެކޮޅަށް އަޑުއުފުލާ އިހުތިޖާޖެއް ކޮށްފައެވެ.

އޭގެ އިތުރުން އަރައްބިއްޔާ ސްކޫލުގެ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެގެން ދިޔައިރުވެސް، ސަރުކާރުން އެކަމަށް އަޅާނުލާކަމުގެ ތުހުމަތުކޮށް، ގިނަ ބަޔަނު ވަނީ ސަރުކާރަށް ފާޑިކިޔުން އަމާޒުކޮށްފަ އެވެ.

މި މައްސަލައިގައި ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި މާލޭގެ އެހެން ސްކޫލުތަކާއި، އަރައްބިއްޔާ ސްކޫލާ މެދު މި ސަރުކާރުން ތަފާތުކުރުން ގެންގުޅުއްވާ ކަމަށް ދޭހަވާ ގޮތަކަށް ލިޔެފައިވެެއެވެ. އެގޮތުން މިސާލެއް ނަންގަވަމުން ޝަހީމް ވިދާޅުވީ، ދަރުމަވަންތަ ސްކޫލް ބޮަލަށް ވެއްޓޭތީ ކުޑަ މުއްދަތެއްގައި ވަގުތީ ސްކޫލެއް ހަދައި އެތަނައް ދަރިވަރުން ބަދަލުކޮށް، ވަގުތުން ބަޖެޓް ހަމަ ޖައްސައި ދާއިމީ ސްކޫލެއް އަޅަން ފެށި ކަމަށެވެ. އަދި މިހާރު އެތަން ނިމެމުން ދާކަމަށް ޝަހީމް ފާހަގަކުރި އެވެ.

އެއަށްފަހު ޝަހީމް ވަނީ، އަރަބިއްޔާ ސްކޫލާ މެދު މި ސަރުކާރުން އެހެން ނުހަދަނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.

އަރަބިއްޔާ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާއި ގުޅޭގޮތުން އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ،  އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ އެ ކުދީންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީން ސުކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސްކްރަކްޗަރަލް އެސެސްމަންޓް ނިމުމުން އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަންވެސް ވަނީ ނިންމާފައެވެ. އެޑިއުކޭޝަންގެ ބަޔާނުގައި ބުނީ އަރަބިއްޔާގެ އިމާރާތް ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ކަމަށެވެ.

އެޑިއުކޭޝަންގެ މި ނިންމުމާއި ގުޅިގެން، ބެލެނިވެރިން ދެކޮޅު ހަދައިފައިވަނީ އިއްޒުއްދީން ސްކޫލަށް އަރައްބިއްޔާ ދަރިވަރުން ބަދަލުކޮށްފި ނަމަ ދަރިވަރުންގެ އިސްލާމީ ތައުލީމު ހަލާކުވާނެތީ ކަމަށް އިއްުޔެ އަރައްބިއްޔާ ސްކޫލް ކުރިމަތީ މުޒާހަރާ ކުރި ބެލެނިވެރިން ބުނެފައިވެ އެވެ.

މި މައްސަލައިގައި އަރަބިއްޔާ ޕީޓީއޭއިންވެސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓްގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ އިއްޒުއްދީން ސުކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށށާ އެކަން އެހެން ކޮށްފިނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުކޫލަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާ ފޫ ނުބެއްދޭވަރުގެ ގިނަގިނަ ގެއްލުންތައް ވާނެކަން ބެލެނިވެރިންނަށް ޔަގީން ކުރެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ