ތައިލެންޑުގަ ބޭއްވި "އޯލް ތައިލެންޑް ޓީޓީ ޗެމްޕިއަންޝިޕް" ގެ 15 އަހަރުން ދަށުގެ ޑަބަލްސްގެ ޗެމްޕިއަންކަން ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.
މި މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގައި ދީމާގެ ޕެއާ އަކީ ތައިލެންޑްގެ ފަންގްއެވެ. އެގޮތުން ގޮތުން ފައިނަލް މެޗު ދީމާ އާއި ފަންގްގެ ޕެއާ ތިން ސެޓުން ކާމިޔާބު ކޮށްފައިވާއިރު އެ ސެޓުތައް ގެންދިޔައީ، 11-8، 11-9 އަދި 11-7 އިންނެވެ.
މި މުބާރާތުގެ 15 އަހަރުންދަށުގެ ޑަބަލްސް ޗެމްޕިއަންގެ އިތުރުން ދީމާ ވަނީ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ނަމަވެސް އެ މެޗުން އޭނާ ވަނީ 3-1 ސެޓުން ބަލިވެފައެވެ.
ދީމާގެ މި ކާމިޔާބީއާއެކު ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު މިނިސްޓަރު މަހްލޫފު ވަނީ ދީމާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
Another impressive tournament for Dheema as she is crowned U-15 doubles champion with Fang in the All Thailand Table Tennis Championship 2021. She is also a quarter finalist in U-15 & U-17 category as well. Congratulations, we are so proud of you ???????? ???? pic.twitter.com/TsK5JejRSj
— Ahmed Mahloof (@AhmedMahloof) January 8, 2022
ދީމާ މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 15 އަހަރުން ދަށުގެ ބައިން 20 ވަނައިގައެވެ. ސަތާރަ އަހަރުން ދަށުގެ ކެޓަގަރީން ދީމާ އޮތީ 77 ވަނައިގައެވެ.
ޓޭބަލް ޓެނިސް އިން ރާއްޖެއަށް އެތައް ރީތި ނަމެއް ހޯދައިދީފައިވާ ދީމާ ވަނީ މިދިޔަ މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ މޮޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ވެސް މިހާތަނަށް ހޯދާފައިވަނީ ދީމާ އެވެ.
ދީމާ މިވަގުތު ދަނީ ސަރުކާރާއި ޓީޓީ އެސޯސިއޭޝަން މެދުވެރިވެގެން އެ ގައުމުގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަމުންނެވެ.




