ފޮޓޯ: އަވަސް

ދީމާ އަށް ތާރީޚީ ބޮޑު ކާމިޔާބެއް!

ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވެ ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.

ދީމާ ކޮލިފައިވެފައި މިވަނީ ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯއަށެވެ. މި ކެޓަރީން ކޮލިފައިވި  24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާ އޮތީ 13 ވަނައިގައެވެ.

އެއާއެކު އުމުރުން 13 އަހަރުގެ ދީމާ ވެގެންގޮސްފައި މިވަނީ، ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގާ އެތައް ކާމިޔާބީއެއް ހޯދައިފައިވާ، އަދި މި ސަރަހައްދުގައިވެސް އެންމެ ކުރިއަރަމުން އަންނަ ދީމާއަށް ލިބުނު ބޮޑު ތާރީޚީ ކާމިޔާބީއެކެވެ.

މިކަން ފާހަގަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދީމާގެ މި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތައް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިއާގެ ޝަރަފާއެކު، ދީމާ ދިވެހި ރާއްޖޭގެ ފަހުރުވެރިކޮށްދޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިން އަށް ބެލުމަށް ފަހުއެވެ. ދީމާ ވަނީ މިހާރު އޮމާންގެ ވެރިރަށް މަސްކަޓްގައި ކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ދީމާ ވާދަކުރިއިރު، ރަނގަޅު ކުޅުމެއް ދައްކައިފައިވެއެވެ.

ދީމާ މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 15 އަހަރުން ދަށުގެ ބައިން 20 ވަނައިގައެވެ.  ސަތާރަ އަހަރުން ދަށުގެ ކެޓަގަރީން ދީމާ އޮތީ 77 ވަނައިގައެވެ. މީގެ ކުރިން ދީމާ ވަނީ އެ އުމުރުފުރާގެ ރޭންކިންގެ 41 ވަނަ މަގާމުގައި އޮވެފައެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގައެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ