އދ. ދަނގެތީގައި ގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު މަރާލިކަމަށް އެއްބަސްވެފައިވާ ބިދޭސީ މީހާ، ޝާ އަލޮމް މިއާ (ސާލިމް)، ޝަރީއަތުގައިވެސް އެ ކުށަށް އިއުތިރާފުވެއްޖެ އެވެ.
ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ސާލިމް ވަނީ ކުށަށް އިއުތިރާފުވެ، އަދަބު ލުއިކޮށްދޭން އެދިފަ އެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ބުނީ، މަހުމޫދުގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.
މިއަދުގެ ޝަރީއަތުގައި މަހުމޫދު މަރާލިކަމަށް ސާލިމް އެއްބަސްވެފައިވާއިރު، ކޮޅު ތޫނު ކޮށްފައިވާ ދެ ދަނގަޑަކާއި ވަޅިއެއް ބޭނުންކޮށްގެން ކަރަށާއި މެޔަށް ހަމަލާދީ، ސާލިމް ދިރިއުޅުނު ގޭތެރޭގައި، މަހުމޫދު މަރާލުމަށްފަހު، މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް ލައްވާފައި ވަޅެއްގެ ތެރެއަށް ވައްޓާލިކަމަށްވެސް މިއަދު ވަނީ އެއްބަސްވެފަ އެވެ.
ސާލިމް މިއަދު ވަނީ ކުރެވުނު ކުށަށް އިއުތިރާފުވެ އެކަމަށް މައާފަށްވެސް އެދިފައެވެ. އަދި މަހުމޫދު މަރާލީ "ޝައިތާނާ ބޮލަށް ވަދެގެން" ކަމަށާއި، އެއީ ކުށެއްކަން މިހާރު އެނގޭ ކަމަށް ސާލިމް ބުނެފައިވެ އެވެ.
ސާލިމް ކުށަށް އިއުތިރާފުވިނަމަވެސް، ދައުލަތުން ބޭނުންވަނީ ހެކިން ކޯޓަށް ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދަން ކަމަށް މިއަދުގެ ޝަރީއަތުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ސާލިމްގެ ވަކީލު ވަނީ ސާލިމް ކުށަށް އިއުތިރާފްވާކަން ފާހަގަކުރައްވާ، އަވަސް ނިއާއެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދަން އެދިފައެވެ. ދިފާއީ ވަކީލުން ބުނީ، ހެކިން ހާޒިރުކޮށްގެން ޝަރީއަތް ކުރިޔަށް ގެންދިއުމަކީ ސާލިމްގެ ހައްގުތަކަށް އުނިކަން އައިސްދާނެ ކަމެއް ކަމަށެވެ.
ދުފާއީ ވަކީލުންގެ މި އެދިވަޑައިގަތުމާ އެއްގޮތަށް ދެން މި މައްސަލަ ކުރިއަށް ގެންދަންޖެހޭނީ އަވަސް ނިޔާގެ މައްސަލައެއް ގޮތުގައި ކަމަށް މިއަދު ޝަރީއަތުން ވަނީ ނިންމައިފަ އެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30ގައި އޮންނާނެ ކަމަށް ޝަރީއަތުން ވިދާޅުވި އެވެ.
****
މަހުމޫދުގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަހުމޫދު މަރާލައިފައި އޮއްވާ ފެނުނު ދުވަހުގެ ރޭ (13 އޮކްޓޯބަރު 2021)، މަހުމޫދު ހުރީ އޭނަގެ އަންހެނުންނާއެކު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބަލާށެވެ. އަދި މަހުމޫދު ބޭރަށް ނުކުމެގެން ދިޔައީ ފޯނެއް އައުމުން ކަމަށް އޭނަގެ އަންހެނުން ވަނީ ބުނެފައެވެ.
އެއަށްފަހު އެރޭ މަހުމޫދު ގެއަށް އައިސްފައި ނުވާއިރު، އޭނާ ގެއްލިގެން ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ހޯދުމުގެ މަސައްކަތް ފަށައިފައިވަނީ، އޭގެ އަނެއްދުވަހު(14 އޮކްޓޯބަރު 2021) ގެ ހެނދުނު 10:00 ހާއިރުއެވެ. އަދި ހޯދަން ނިކުމެ އުޅުނު އަންހެނުންތަކަކަށް މަހުމޫދުގެ ހަށިގަނޑު ފެނިފައިވަނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިން، އެ ދުވަހު މެންދުރު ފަހު 3:15 ހާއިރުއެވެ. މަހުމޫދުގެ ހަށިގަނޑު ފެނިފައިވާ ގެއަކީ އޭނާ އުފަންވީ ގެއެވެ.




