މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި އެންމެ ފުރަތަމަ ހަމަނުޖެހުން ހިނގަން މެދުވެރިވީ ޖަލަށް ވައްދަން މަނާ އެއްޗެއް ވައްދައިދިނުމަށް ޤައިދީއަކު އެދުމުން، އޮފިސަރު އެކަމަށް އިންކާރުކުރުމުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މުނާޒް މިހެން ވިދާޅުވީ، މިރޭ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މުނާޒް ވިދާޅުވީ، މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުކުމް ކުރުމުގެ ކުރިން ޝަރީއަތުގެ މަރުޚަލާގައި ތިބި ޤައިދީންތަކެއް ބައިތިއްބާފައިވާ ހަތަރު ނަންބަރު ޔުނިޓުގައި ކަމަށާއި، ފުރަތަމަ ހަމަލާދީފައިވަނީ ޤައިދީއަކު، ކަރެކްޝަންސް އޮފިޝަރަކަށް ކަމަށެވެ.
ޤައިދީ ކަރެކްޝަންސްގެ އޮފިސަރަށް 16 އިންޗީގެ އެނބުރި ދަގަނޑުބުރިއަކުން ހަމަލާދީފައިވަނީ، ޤައިދީ އެދުނު މަނާ އެއްޗެއް ގެނެސްނުދީގެން ކަމަށާއި، ޤައިދީ ރުޅިއައިސްޖެހުމުގެ ކުރިން އެތަކެތި އެހެން އޮފިސަރުން ގެނެސްދޭކަމަށް ބުނެފައިވާކަމަށް މުނާޒް ވިދާޅުވިއެވެ.
ދަގަނޑުބުރިން ޖަހާ ކަންފަތްމަތި ފަޅާލުމުން ގޮޅިން އޮފިސަރު ނިކުތްތަނާހެން އަނބުރައިގަނެގެން ވެއްޓިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ ހާދިސާއާ ގުޅިގެން ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އިން ހިންގި އޮޕަރޭޝަނުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
އީއެސްޖީއިން ހިންގި އޮޕަރޭޝަނުގައި 7 ޤައިދީއަކަށް އަނިޔާވެފައިވާއިރު ބޮޑު އަނިޔާއެއްވެފައިވަނީ އެއް ޤައިދީއަކަށެވެ. ނަމަވެސް އެ ޤައިދީ ބިޑިއަޅުވާފައި ޖިންސީ ގުނަވަންތަކަށް ޕްޕަރ ސްޕްރޭ ޖަހިކަމަށް ފެތުރެމުންދާ ވާހަކަތައް މުނާޒް ދޮގުކުރެއްވިއެވެ.




