އައްސޭރި ޓޫރިޒަމް ކޮންސެޕްޓް ހަޤީޤަތަކަށް ހަދަައި އައްޑޫގައި ސީޕްލޭން ހަބެއް ޤާއިމުކުރާނަން: މުއިއްޒު

އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މަޝްރޫއު ހަޤީޤަތަކަށް ހަދައި، އެ ސިޓީގައި ސީޕްލޭން ހަބެއް ޤާއިމުކުރައްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. އެކަމަށްޓަކައި އެމަނިކުފާނު ވަނީ އެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ސިޓީގެ ރައްޔިތުން ބޭނުންފުޅުވާ ގޮތަކީ އަދި އެ ކޯލިޝަނުގެ ޕްލޭނަކީވެސް އައްސޭރި ޓޫރިޒަމް ކޮންސެޕްޓް ހަޤީޤަތަކަށް ހެދުން ކަމަށާއި، އެކަން އިރާދަކުރެއްވިއްޔާ ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

"ސަރުކާރުން އެކަމުގެ ތެރޭގައި ބައިވެރިވެ، ސަރުކާރުން އެކަމުގެ އިންވެސްޓްމަންޓުގައި ބައިވެރިވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭ ފީޒިބަލް މަޝްރޫއެއްގެ ގޮތުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ 6000 އެނދު މި ސިޓީގައި ޤާއިމުކޮށް އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ތިޔަ ރައްޔިތުންނަށްޓަކައި ކާމިޔާބުކަމާއެކީގައި ހާސިލުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ސަބަބުން ދިހަވަރަކަށް ހާސް ވަޒީފާ އުފެދޭނެކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭ ކަމަށާއި، މިފަދަ މަޝްރޫއެއް ހިންގުމުގެ ސަބަބުން އެ ސިޓީގައި ސީޕްލޭން ހަބެއް އުފެދިގެންދާނެ ކަމަށެވެ.

"އޭގެން އުފެދިގެންދާނީ ގާތްގަނޑަކަށް ދިހަވަރަކަށް ހާސް ވަޒީފާ. ދިހަވަރަކަށް ހާސް ވަޒީފާ އުފެދޭނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އަދި މިފަދަ މަޝްރޫއެއް ހިންގުމުގެ ސަބަބުން މާލޭގައި އޮތްފަދަ، މާލޭގައި މިއޮތީ ސީޕްލޭން މައި ހަބް، ދެން އެއާއި ގުޅިގެން ހަމަ ޔަޤީނުންވެސް އޮޓޮމެޓިކަލީ ސީޕްލޭން ހަބެއް މި ސިޓީއަށް އަންނާނެ. ރައީސް ޔާމީންގެ ވެރިކަމުގައި އަމަލީގޮތުން ފަޅު ފުންކުރުމާއި މިފަދަ ވަރަށް މުހިންމު އިނީޝަލް މަސައްކަތްތަކެއް ހިނގާފައި އޮތީ. އެހެންވީމާ ސީޕްލޭން ހަބެއް މިދެންނެވި ގޮތަށް އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް ކުރިއަށް ގެންދެވުނީމާ ހަ ހާހެއްހާ އެނދު ގެނެވޭނެކަމަށްވަންޏާމުން ނެޗުރަލީ އެ ޕްރޮޖެކްޓް ސީޕްލޭން ހަބެއް މިތަނަށް ގެނެވޭނެ." މުއިއްޒު މިރޭ ވިދާޅުވިއވެެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީއަށް ސީޕްލޭން ހަބެއް ގެނެވުނީމާ އެކަމުގެ ސަބަބުން  ފައިދާ ކުރާނީ ހަމައެކަނި އެ ސިޓީއަށް ނޫންކަމަށާއި، ފުވައްމުލަކާއި ހުވަދުއަތޮޅުގައި ހުރި ރިސޯޓްތަކަށާއި، އެ ހިސާބުތަކަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

"އެހެންވީމާ ސީޕްލޭން ހަބަކީ އިރާދަކުރެއްވިއްޔާ މީގެ ތެރެއިން އަންނާނެ ކަމެއް ކަމުގައި އަޅުގަނޑު ޔަޤީންކުރަން. ރައްޔިތުން އަޅުގަނޑުމެންނާ އެކީގައި މިކަމުގައި ކުރިއަށް ދާން ނިންމަވައިފިއްޔާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާމުން ހަމަ ޔަޤީންކަމާއެކީގައި މިކަން ހާސިލުކޮށްދެވޭނެ." މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ