ޔަޤީންކަމާއެކު އައްޑޫ ސިޓީގައި ބުރިޖު އަޅުއްވައިދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖަކީ ހަޤީޤަތުގައި ހަމައެކަނި ބުރިޖެއް އަޅާލަން ކުރާކަމެއްނޫން ކަމަށާއި، އެއީ އައްސޭރި ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދިއުމާއި އެކީގައި ތަރައްޤީގެ ކުރިމަގަށް އެޅޭ ބުރިޖެއް އަދި އިންވެސްޓްމަންޓެއް ކަމަށެވެ.
ހަމަ އެއާއެކު މުއިއްޒު ވަނީ އަދުގެ ސަރުކާރުން ފަށާފައިވާ ބުރިޖު އެޅުމުގެ މަޝްރޫއަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ، ބުރިޖު އަޅަންއުޅެ ނޭޅޫނުތައް ރައްޔިތުން ދެކިފައިވާ ކަމަށެވެ.
"ބުރިޖެއް އެޅުނުތަނާއި އަޅަންއުޅެ ނޭޅުނުތަނާއި ފެނިފައިވާނެ. ރައްޔިތުން ޚިޔާރުކުރަންވީ ބުރިޖު އެޅި ފަރާތްތޯ، އަޅަންއުޅެ ނޭޅުނު ފަރާތްތޯ ދެން ޤައުމު ހަވާލުކުރާނީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އިންތިޚާބުކޮށްދެއްވައިފިނަމަ، "ޔަޤީނުންވެސް އައްޑޫ ސިޓީގައި ބުރިޖު އަޅައިދެއްވާނެ" ކަމަށެވެ.
އައްޑޫ ސިޓީގައި 6000 ޓޫރިސްޓް އެނދު ތަރައްޤީކޮށް، ސީޕްލޭން ހަބެއް ޤާއިމުކުރުމުގެ އިތުރުން އެ ސިޓީގައި ތިއްބަވައިގެން އެ ސިޓީގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހާސިލުކޮށްދެއްވުމަށާއި، އައްޑޫ ސިޓީގައި ތިބެގެން ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ތަނެއްގެ ގޮތުގައި އައްޑީ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށްދެއްވަން މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.
"އަޅުގަނޑުމެންނާ އެކީގައި ކުރިއަށްދާނަމަ އައްޑޫ ސިޓީގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން." މުއިއްޒު އައްޑޫ ސިޓީގައި މިރޭ ވިދާޅުވެފައިވެއެވެ.



