ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ޤާނޫނު އަސާސީ ޚިލާފަށް ކުރަމުންދާ ކަންކަން ވަގުތުން ހުއްޓާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލި ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަވާއިދު އިސްލާހު ކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމާއި ގުޅޭގޮތުން ހުރި މާއްދާތަކަށް ބަދަލުގެންނަން މަސައްކަތް ކުރަނީ "އެގޮތްމިގޮތަށް އޮޅުވާލައިގެން" ކަމަށެވެ.
ޤާސިމް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ނުލިބުނީމާ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ވިސްނުމެއް އޮތްކަމަށް ޕަބްލިކްގެ ތެރޭގައި ވާހަކަ ދެއްކުމުގެ ޖާގަ މިހާރު އެބަލިބޭ ކަމަށެވެ.
"ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި އެވަނީ މެންބަރުންގެ އަދަދު ކަނޑައަޅައިފި. އެހެންވީމާ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލަކުންނެއް އެކަމެއް ނުކުރެވޭނެ އިނގޭތޯ. އެއީ ކަނޑައެޅިގެން ކޮންފްލިކްޓް އޮފް އިންޓްރެސްޓް އަދި އަނެއްކޮޅުން މިއަދު އެމްޑީޕީގައި މެޖޯރިޓީ އޮތީމާ މަޖިލީހުގެ ގަވާއިދަށް [ބަދަލު ގެނެސް] އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރުކަމެއް އެއީ." ޤާސިމް ވިދާޅުވިއެވެ.
މިހާރު އޮތް މަޖިލީހުގެ ގަވާއިދަކީ މިހިނގާ 19 ވަނަ ދައުރުގައި އެކުލަވާލި ގަވާއިދެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، ގަވާއިދު ކުއްލިއަކަށް އިސްލާހުކުރަން މަސައްކަތް ކުރައްވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި، އެއީ ލަދުވެތި ކަމެއް ކަމަށެވެ.
"މި މަޖިލީހުން މިވަނީ މި ގަވާއިދުވެސް ހަދާފައި، މި މަޖިލީހުން، 19 ވަނަ މަޖިލީހުން. އެއީ ކުރީގައި އޮތް ގަވާއިދު އިސްލާހުކޮށް ހެދުމަށްފަހުގައި އޭރުވެސް އެ މާއްދާތަކަށް ބަދަލުތަކެއް ގެނެސް ނިންމާފައި އޮތީ، ހަމަ ކުއްލިއަކަށް މިހާރު މި ފެންމަތިވެގެން މިއުޅެނީ އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްވެސް އެކުލަވާނުލެވިގެން އުޅެނިކޮށް، ގަވާއިދުގައި ހުރި ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރުމާބެހޭ މާއްދާތަކަށް ބަދަލުގެނެސްގެން، ފަސޭހަކޮށްގެން، ލުއިކޮށްގެން އެގޮތް މިގޮތަށް ޤާނޫނު އަސާސީ ޚިލާފަށް އެކަން ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވާޖިބެއް ނޫން. އެހެންވީމާ އަޅުގަނޑު ދަންނަވަން އެކަން ހުއްޓަވާލައްވާށޭ ވަގުތުން މިހާރުން މިހާރަށް." ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތަކާއި އަދި މެންޑޭޓްގެ ކަންތައް އަވަހަށް ކުރިއަށް ގެންގޮސްދެއްވާށޭ. އެނޫން ގޮތަކަށް ސަރުކާރެއް ހިންގަން، ޒިންމާދާރު ކުރުވަން ރައްޔިތުންގެ މަޖިލީހުގެ އޮތް ވާޖިބު އަދާކުރުން، އަޅުގަނޑުމެން މިދަނީ ލަސްކުރަމުން ލަސްކުރަމުން ލަސްކުރަމުން. އެއީކީ އެއްގޮތަކަށްވެސް ގޮތެއް އަދި ހަމައެއްވެސް ނޫން." މިއަދުގެ ޖަލްސާގައި ޤާސިމް ވިދާޅުވެފައިވެއެވެ.