ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިން "މުކައްބަ" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް

ފައިލޭރިއާ ކޮންޓްރޯލު ކުރެވޭނެ، ކަންބޮޑުނުވޭ: ހެލްތް މިނިސްޓަރ

މިހާރު ރާއްޖެއިން ފެނިފައިވާ ފައިލޭރިއާއަށް ފަރުވާދެވޭނެ ގޮތް ރާއްޖޭގައި އެބަހުރި ކަމަށާއި، ރައްޔިތުން ކަންބޮޑުވެނުލެއްވުމަށް ހެލްތް މިނިސްޓަރު  ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، "މުކައްބަ" ކެމްޕެއިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކެމްޕެއިނަކީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ މީސްމީޑިއާ ކެމްޕެއިނެކެވެ.

ރާއްޖެއިން މީގެއެތައް އަހަރެއްކުރިން ނައްތާލެވިފައިވާ ބައްޔެއްކަމުގައިވާ ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ މެދުތެރޭގައި ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީންގެ ގައިން ވަނީ ފެނިފައެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންގެ ގައި މި ބަލި ފެނި މިހާތަނަށް ޖުމްލަ 32 މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތް މިނިސްޓަރު މިއަދު ވިދާޅުވީ، ފައިލޭރިއާ ބަލި ފެނުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އެބައޮތް ކަމަށެވެ. ނަމަވެސް ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

"ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އެ އުފެދިދާނެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތްގޮތް ހޯދުމަށް މަސައްކަތް އެބަކުރޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފައިލޭރިއާ އެންމެ ބޮޑަށް ފެތުރިފައި އޮތް ހދ. ކުޅުދުއްފުށިން ދިވެހިން މި ބައްޔަށް ޓެސްޓް ކުރިއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވުމުން ދައްކައިދެނީ މި ބައްޔަކީ ރާއްޖެއަށް އިމްޕޯޓްވެފައިވާ ބައްޔެއް ކަމަށެވެ.

"މިއީ ރާއްޖޭގައި ފެތުރޭ ބައްޔެއް ނޫން. އަދި މިއީ އެހާ ފަސޭހައި ފެތުރޭ ބައްޔެއްވެސް ނޫން. ވަރަށް ގިނަފަހަރު ހެފުމުން ނޫނީ ފެތުރޭ ބައްޔެއް ނޫން މިޔަކީ. އެހެންކަމުން ރައްޔިތުން މިކަމާ ކަންބޮޑުވެނުލައްވާ. ކޮންޓްރޯލިން މެކޭނިޒަމް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި" ހެލްތް މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރި ގޮތުގައި، މި ބައްޔަށް ބޭނުންވާ ބެހާއި، ބައްޔަށް ޓެސްޓްކުރެވޭނެ ޓެސްޓް ކިޓްވެސް ރާއްޖޭގައި އެބަހުއްޓެވެ. އަދި އިތުރު ބޭހާއި ޓެސްޓިން ކިޓް ގަތުމަށްޓަކައި އިމަޖެންސީ ފަންޑުތަކާ ވާހަކަދައްކައިގެން އެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ބަލި ރާއްޖޭގައި ކޮންޓްރޯލުކުރުމުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އާއި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ އެހީތެރިކަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ އެފަރާތްތަކަށް ޝުކުރުވެސް އަދާކޮށްފައެވެ.

ރާއްޖެއިން މި ބައްޔަށް މިހާތަނަށް 32 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 25 މީހުންނަކީ ހދ. ކުޅުދުއްފުށިން ފެނިފައިވާ މި ބަލީގެ ކޭސްތަކެވެ.

މާލެ ސަރަހައްދުން މި ބައްޔަށް ޖުމްލަ 7 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހުޅުމާލެއިން 5 މީހަކާއި، ގުޅީފަޅުން 1 އަދި މާލެ އިން އެކަކު އެވެ. މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވެފައިވާ މި 7 މީހުންނަކީ ވެސް ބިދޭސީން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ