ހުޅުމާލެއިން ފައިލޭރިއާގެ ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ

ހުޅުމާލެއިން ބިދޭސިއަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނީ، އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއަރގައި ބައްޔަށް ޓެސްޓުކުރެވުނު 13 ބިދޭސީ މަސައްކަތުގެ ތެރެއިން އެކަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި ކޭސްއާއެކު ރާއްޖެއިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 26 އަށް އަރައިފައެވެ. މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުސް ބިދޭސީންނެވެ. ދިވެއްސަކު މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްއެއް ނުވެއެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 25 މީހުންނަކީ ހދ. ކުޅުދުއްފުށިން ފެނިފައިވާ މި ބަލީގެ ކޭސްތަކެވެ.

ހދ. ކުޅުފުއްފުށިން މިހާތަނަށް 439 ބިދޭސީ މަސައްކަތްތެރިން ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 414 މީހަކު ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި، މި މަހުގެ 20 އަދި 21 ވަނަ ދުވަހު ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މާސް ސްކްރީނިންގައި 155 މީހުން ޓެސްޓްކުރެވިފައިވާއިރު، އެއްވެސް ފަރާތެއް މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މި ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ލަފަޔާއެކު ކުރެވެމުންދާކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ.

ފައިލޭއިރާއަކީ ރާއްޖެއިން މީގެއެތައް އަހަރެއްކުރިން ނައްތާލެވިފައިވާ ބައްޔެކެވެ. މި ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ހަށިގަނޑުގެ ގުނަވަންތަކަށް ޖެހޭ ބައްޔަކެވެ. މި ބަލި އާއްމުކޮށް ފެތުރެނީ ކިއުލެކްސް ނަމަކަށް ކިޔާ މަދިރީގެ ޒަރިއްޔާއިންނެވެ. މި މަދިރިއަކީ ރާއްޖޭގައިވެސް އުޅޭ މަދިރިއެކެވެ. މި ބަލި އާއްމުކޮށް މީހުންނަށް ޖެހެނީ، ފައިލޭރިއާ ޖައްސާ ޖަރާސީމު ހިމެނޭ މަދިރި ވަރަށް ގިނަ ފަހަރު ހެފުމުންނެވެ.

ފައިލޭރިއާ ޖެހޭ ބައެއް މީހުންގެ ލޭގައި ކުދި ފަނިތަކެއް ދަތުރުކުރެއެވެ. އަދި މި ބަލި ޖެހިފައިވާ މީހެއްގެ ގައިގައި މަދިރިހެފުމުން، ލެއާއެކު މި ފަނިތަކަށް މަދިރީގެ ހަށިގަނޑަށް ވަދެއެވެ. އަދި މަދިރީގެ ހަށިގަނޑުގައި މި ފަނި އާލާވެއެވެ. މި މަދިރި ފައިލޭރިއާ ނުޖެހޭ މީހެއްގެ ގައިގައި ހަފައިފިނަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ފައިލޭރިއާ ޖެހުމަށްފަހު މީހުންގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެނި އެތައް ދުވަހެއް ވަންދެން ހުރެދާނެ އެވެ. ނަމަވެސް ގިނަ ދުވަސްވުމުން، ބައެއް މީހުންގެ އަތްފައި އަދި އެހެން ގުނަވަންތައް ދުޅަވުމާއި، ހަންގަނޑު ބޯވުން ފަދަ އަލާމަތްތައް ފެނިދާނެ އެވެ. އަދި މިފަދަ މީހުންނަށް އެހެން އިންފެކްޝަންތައް ޖެހުން މެދުވެރިވެ، އޭގެ ސަބަބުން ހުން އައުންފަދަ އަލާމަތްތައް ފެނުން އެކަށީގެންވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ