ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރަކު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ.
އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުަސަތު ހުޅުވާލާފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.
އެންސްޕާ އާއި އާސަންދަ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވި، މިކަން ފެށުމަށް ޓައިމްލައިންތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މި ހިދުމަތް މިގޮތަށް ފައްޓަން ހަމަޖެހިފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
އަދި އެއަށްފަހު، 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މިޚިދުމަތް ފެށާނީ މިއަހަރުގެ 1 އޭޕްރީލްގައި ކަމަށް ޒީނިޔާ ހާމަކުރެއްވި މި ހިދުމަތުގެ ޓައިމްލައިންގައި ވެއެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މިޚިދުމަތް ފެށޭނީ ޖުލައި 1 ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ، މި ޓައިމްލައިންއާ އެއްގޮތަށް ޖުލައި އާއި ހިސާބަށް ދާއިރު ރާއްޖޭގެ އާބަދީގެ ހުރިހާ އެންމެންނަށްވެސް އަހަރަކު 2 ފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެކަމަށެވެ.
މި އިންތިޒާމް 50 އަހަރުން މަތީގެ އުމުރު ފުރައިގެ މީހުންނަށް ފުރަތަމަ ފައްޓަން ނިންމީ، ބޮޑެތި ބަލިތައް މިވަގުތު ތަހައްމަލު ކުރަމުންދަނީ އެ އުމުރު ފުރައިގެ މީހުން ކަމަށްވާތީ ކަމަށެވެ.
"އެ އުމުރު ފުރާއަށް ފެއްޓީ، މި އުމުރު ފުރާގައި ބަލި ނުޖެހި ތިބި ފަރާތްތަކަށް ޗެކްއަޕް ހަދަން ފުރުސަތު ދީގެން، އެ މީހުންގެ މެދުގައިވެސް ބޮޑެތި ބަލިތައް ދުރާލާ ދެނެގެނެވޭނެ މަގްސަދު ހާސިލް ކުރުމަށް" ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހަދަން ޑޮކްޓަރުން ލަފާދެއްވާ ފަރާތްތަކަށް، 6 މަސްފަހުން އަހަރުތެރޭގައި އަލުން މެޑިކަލް ޗެކަޕް ހެދުމަށް ހުށަހެޅޭނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި، މިޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.
އޭގެއިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ ކަމަށް އެންސްޕާއިން ވިދާޅުވިއެވެ.