ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލަނީ

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސްޕޯޓްސް ފިޝިންއަކީ ދަޢުލަތުން ޤަބޫލުކުރާ މަސްވެރިކަމުގެ ބާވަތެއްގެ ގޮތުގައި ކަނޑައެޅުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެކެވެ.

"އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް މިބަނދަރުތައް ޤާއިމްކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެތެރެއާއި ބޭރުގެ އިންވެސްޓަރުންނަށް އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެ. ތަފާތު ފެއަރ ތަކުގައި ނުވަތަ ތަފާތު ބިޒްނަސް ފޯރަމްތަކުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގައި މި ބަނދަރުތައް ހުޅުވާލާ ވާހަކަ ހިއްސާކުރެވިއްޖެ," ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ބަނދަރުތަކުގައި މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީސްތަކުގެ އިތުރުން، ރެސްޓޯރަންޓް އަދި ކެފޭތަކާއި، މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ޚިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތައްވެސް ހިމެނޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށާއި، އެ ޞިނާޢަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ތަރައްޤީކުރެވޭ ދާއިރާއެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ބަނދަރުތައް ތަރައްޤީވެގެންދިއުމާއެކު، ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ