އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިމަހުގެ ތެރޭގައި އައިނު ފިހާރައެއް ހުޅުވައި ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ، މި ފިހާރައިން ނަންބަރު ނެގުމުގެ ޚިދުމަތާއި އެހެން ތަނަކުން ނަގާފައިވާ ނަންބަރަކަށްވެސް އައިނު ހެއްދުމުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައިނު ހެއްދުމުގެ ޚިދުމަތަކީ މިހާތަނަށް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދެމުން އައި ޚިދުމަތެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މެއި މަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މި ޚިދުމަތް ފެށުމަށް ނިންމަވާފައެވެ.
ސީއީއޯ ޢަބްދުއްރައްޒާޤް ވިދާޅުވިގޮތުގައި، އާސަންދައިން ކަނޑައަޅާފައިވާ ރޭންޖުގެ ތެރޭގައި ފެންވަރު ރަނގަޅު އައިނު ހެއްދޭނެ އިންތިޒާމު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ތެރެއިން ހަމަޖެހިގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކަށްވެސް ފުޅާކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އައިނު ހެއްދުމަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމުން ކުރިން ދެމުންދިޔަ 1000 ރުފިޔާގެ އެހީތެރިކަން 2000 ރުފިޔާއަށް އިތުރުކުރައްވާފައިވުމެވެ. އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އެކަނި 36،000 އަށްވުރެ ގިނަ މީހުންނަށް އައިނު ހެއްދުމަށް 36 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވެއެވެ.



