ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީންތައް ކުރިއަށްގެންދަން މަޝްވަރާކޮށްފި

ރާއްޖޭގެ ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތަމްރީންތައް ކުރިއަށްގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ޙައްލު ހޯދުމުގެ މަޤްޞަދުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް އާއި އެކު ދެ އިދާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަކީ އެއް ކުންފުނީގެ ދަށުން އެންމެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މި ކުންފުނީގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް އެންޑް ތެލަސީމިއާ ސެންޓަރުގައި 3500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

ކުންފުނިން މަޢުލޫމާތު ދެއްވިގޮތުގައި، "ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ފަސޭހައިން ލިބޭ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް" އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ދާއިރާއަށް ބޭނުންވާ ޤާބިލް އަދި ފަންނީ މުވައްޒަފުން ބިނާކުރުމަށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދޭކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް މީހުން ބިނާކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތަމްރީން ދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެފަރާތުން ގުޅިގެން ޙައްލުތައް ހޯދުމަށް މަގުފަހިކުރެވުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ