މިއަހަރުގެ ނިޔަލަށް ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިމި ޚިދުމަތް ފެށޭނެ

މިއަހަރުގެ ނިޔަލަށް ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިންމައި، އެތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި އަލަށް އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި ހޮސްޕިޓަލު ތަޅާލަން ޖެހޭތީ، ވަގުތީގޮތުން ހޮސްޕިޓަލުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައެވެ. މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ފީސިބިލިޓީގެ މަސައްކަތް ވަނީ ނިމި، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައެވެ. އަދި މިހާރު ދަނީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ހޮސްޕިޓަލު ހުރި ބިމާއި ވަށައިގެންވާ ސަރަހައްދުވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަކީ ވިލިމާލޭގައި މިހޮސްޕިޓަލު ހެދުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހުވެސް ވިލިމާލޭގައި ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން،" ސީއީއޯ ވިދާޅުވިއެވެ.

ވަގުތީ ހޮސްޕިޓަލުގެ އިންޓީރިއާއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ފްލޯ ޕްލޭނާއި އީއާރް ޤާއިމުކުރުމުގެ ޕްލޭނިންގ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. އަދި މިހާރު ދެމުންދާ ޚިދުމަތްތަކުގެ އިތުރުން، އިތުރު ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ނިޒާމެއް ވަގުތީ ހޮސްޕިޓަލުގައި ޤާއިމުކުރެވޭނެއެވެ.

އައު ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. މި ހޮސްޕިޓަލުގެ އިމާރާތާއި ވަސީލަތްތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ