MAJLIS

ޓްރޭޑްމާކާއި އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުން ޓްރޭޑްމާކާއި އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މި ދެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މަޖިލީހުން މަޢުލޫމާތު ދީފައިވެއެވެ.

މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ބުނެފައިވާ ގޮތުގައި، މި ބިލުތަކާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންގެ އިތުރުން ފަންނާނުންނާއި، އެހެނިހެން ފަރާތްތަކަށްވެސް ޚިޔާލާއި ފިކުރު ހުށަހެޅިދާނެއެވެ. މިގޮތުން ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ޚިޔާލު ހުށަހެޅިދާނެއެވެ.

ސަރުކާރުގެ ފަރާތުން މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކް ބިލަކީ، އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ޤާއިމުކޮށް، އެކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގައި ޓްރޭޑްމާކްގެ ވެރިފަރާތަށް ލިބޭ ޙައްޤުތަކާއި، އެ ޙައްޤުތަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މި ބިލު ފާސްވެ އޮފީހެއް ޤާއިމުވުމުން، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، އެފަދަ އީޖާދުތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެއެވެ.

މި ދެ ބިލު ދިރާސާކުރުމަށް ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ ހަވާލުކޮށްފައެވެ. އަދި މި ބިލުތަކުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ވަނީ ފާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ