އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ކޮމިޓީން ރުހުންދީފި

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ރުހުން ދެއްވައިފިއެވެ. ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި މަޤާމަށް އަބްދުލްޣަނީ އައްޔަންކުރަން ވަނީ ފާސްވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުޞަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ. އިންޓަވިއުތަކަށްފަހު ޖޭއެސްސީން އިސްކަންދެއްވާފައިވަނީ އަބްދުލްޣަނީ މުޙައްމަދަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.

އުއްތަމަ ފަނޑިޔާރުކަމަށް ހުށަހެޅިފައިވާ ޢަބްދުލްޣަނީ މުޙައްމަދަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 އިން 2004 އަށް މަދަނީ ކޯޓުގެ ގާޒީކަމާއި، 2004 އިން 2018 އަށް ހައިކޯޓުގެ ފަނޑިޔާރުކަމާއި އިސް ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އަދި 2018 އިން 2019 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ.

ކޮމިޓީން ރުހުން ދިނުމާއެކު، ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ފްލޯއަށް މި މައްސަލަ ގެންގޮސް، މަޖިލީހުގެ ރުހުން ހޯދުމެވެ. މަޖިލީހުން ފާސްވުމުން، އަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ