އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ތަޢުލީމީ ވުޒާރާއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ކޯހާ ގުޅޭ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢެވެ. އައިޔޫއެމްގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އަދި ވިލާ ކޮލެޖުގެ ފަރާތުން ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ސޮއިކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ވިދާޅުވީ، "އެކިއެކި މަރުކަޒުތަކުން ޔުނިވަރސިޓީތަކުން، ކޮލެޖުތަކުން ހިންގާ ޓީޗިންގް ކޯސްތައް ވާން އެބަޖެހޭ ސީދާ ދަރިވަރުންނަށް އުނގަންނައިދިނުމަށް މި ބޭނުންވާ ކޮންޓެންޓައް އަމާޒުކުރެވިފައި ހުރި ކޯސްތަކެއްގެ ގޮތުގައި" ކަމަށެވެ.
އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވިގޮތުގައި، މި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ކޯހުގެ ކިޔެވުން ފެށޭނީ ސެޕްޓެމްބަރު މަހުގައެވެ. މާލޭގެ އިތުރުން އައިޔޫއެމްގެ ކެމްޕަސްތައް ހުންނަ ހުރިހާ ރަށެއްގައިވެސް މި ކޯސް ކުރިއަށްގެންދެވޭނެއެވެ.
8 މޮޑިއުލްއާއި 4 ވޯކްޝޮޕް ހިމެނޭ މި ކޯހަކީ ދަރިވަރުންނަށް މުޅިން ހިލޭ ކިޔަވައިދޭ ކޯހެކެވެ. އަދި ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް 1,500 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ މި މަސައްކަތަކީ ތަޢުލީމީ ވުޒާރާއިން ކުރިއަށްގެންދާ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ބައެކެވެ.



