އިލްމީ ޤާބިލު މީހުން ބިނާކުރަން އައިއޫއެމުން ކުރަނީ ފާހާގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް: ވަޒީރު ނާޡިމް

 ތާފާތު ދާއިރާތަކުން ރާއްޖެއަށް ބޭނުންވެފައިވާ އިލްމީ މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ކުރައްވަމުންގެންދަވަނީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ފާހަގަކުރެއްވީ އައިޔޫއެމްގެ މިއަހަރުގެ ދަސްވެނިވުމުގެ ދެވަނަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމުގައި މީހުން ބިނާކުރުމަށްވުރެ ވަކި މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި ވަޒީރު ނާޡިމް ވިދާޅުވީ، ރާއްޖެއަށް ޢިލްމީ މީހުން ބޭނުންވެފައިވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަށް އައިޔޫއެމްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިތްވަރުދެވޭ ކަމެކެވެ. ޚާއްސަކޮށް، އަދުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަތޮޅުތަކުގައި އައިޔޫއެމްގެ ގޮފިތައް ގާއިމްކޮށް ރައްޔިތުންނަށް އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދަސްވެނިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އިލްމު ހާސިލްކޮށްގެން ބަޔަކު ޤައުމީ ޚިދުމަތަށް ނުކުތުމަކީ ޤައުމުގެ ރައުސުލްމާލަށް އިތުރުވެގެންދާ ވަރަށް މުހިންމު އިތުރުވުމެކެވެ. ލިބޭ ކޮންމެ ޢިލްމަކާއެކު ޒިންމާތަކެއް އުފަންވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ ވަކި އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެކަން ދަސްވެރިން ހަނދާންކުރަން ޖެހޭނެ ކަމަށެވެ.

ޤައުމީ ކާމިޔާބީއާއި ފަރުދީ ކާމިޔާބީ ގުޅިފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ނާޡިމް ވިދާޅުވިއެވެ. "އަބަދުވެސް ހަނދާންކުރަންވީ ތިބޭފުޅުންގެ ހަޔާތުގެ ކާމިޔާބީއަކީ، މި ޤައުމުގެ ހަޔާތުގެ ކާމިޔާބީގެ ވަރަށް މުހިންމު ބައެއް. އެހެނީ މުޅި ޤައުމުގެ ކާމިޔާބީއަކީ މުޅި ޤައުމުގެ ވަކިވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން އަންނަ އެއްޗެއް. ޤައުމެއްގެ އުފެއްދުންތެރިކަމަށް ބެލިޔަސް މިކަން އޮތީ މިގޮތަށް. ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަން ފުޅާވެ ކުރިއަރާދިޔަ މިންވަރަކުން ޤައުމުގެ އުފެއްދުންތެރިކަން ކުރިއަރައިގެންދާނެ"

ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި އެންމެންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޤައުމެއްގެ ގޮތުގައި ތަރައްޤީވާން މަސައްކަތްކުރާއިރު، އެ ނަތީޖާ ހާސިލްކުރުމަށް ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭނެ ކަމަށެވެ. އަދި ޢިލްމު ހާސިލްކޮށްގެން ވަޒީފާގެ މާހައުލަށް ނިކުމެ އެހެން މީހުންނާއެކު މަސައްކަތްކުރާއިރު، ކަނޑައެޅިފައިވާ އުޞޫލުތަކާއެއްގޮތަކަށް ކަންކަން ހިންގައި ކުރިއަށްދިއުމަށް އަބަދުވެސް ހަނދާންކުރުމަށް ވަޒީރު ނާޒިމްވަނީ ދަސްވެނިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ