ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއްކަމަށާއި ދެ ޤައުމުގެ ދެމެދު އޮތީ އަޚުވަންތަ ގާތް ގުޅުމެއްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅެކެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއާއެކު އޮތް ގުޅުން ކުރިއަށްވުރެ މިހާރު މާ ވަރުގަދަވެފައިވާ ކަމަށެވެ. މިގޮތުން ދާދިފަހުން ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ސަޢުދީ ފަންޑުގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޓަރމިނަލް އެޅުމުގެ މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލީ ދަތިކަމެއް ދިމާވުމާ ގުޅިގެން ކުރީގެ ސަރުކާރުން ސަޢުދީ ސަރުކާރާއެކު މަސައްކަތްކުރި ނަމަވެސް، އެކަން ހަމަޖެހިފައިނުވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު އައުމަށްފަހު، "އިތުރު 17 މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ސޮއިކުރެވުނު" ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ބާރުމިން ދައްކުވައިދެއްވަމުން ވަޒީރު ފާހަގަކުރެއްވީ، ކުރީގެ ސަރުކާރުގެ ދައުރުގައި ރާއްޖޭގެ އިސްވެރިން ސަޢުދީއަށް 6 ފަހަރު ޒިޔާރަތްކޮށް 6 ބައްދަލުވުން ބޭއްވިއިރު، މި ސަރުކާރުގެ ދޮޅު އަހަރުގެ ތެރޭގައި 7 ފަހަރު ސަޢުދީއަށް ޒިޔާރަތްކޮށް 7 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަމުން ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއަކީ އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.




