މީރާގެ ބޯޑަށް 4 ބޭފުޅަކު އައްޔަން ކުރެއްވުމަށް ރުހުންދީފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު މެންބަރުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް 14 ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު އިގްތިސާދީ ކޮމިޓީން ވަނީ އެ ބޭފުޅުންގެ ތެރެއިން 8 ބޭފުޅަކަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފައެވެ.

މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުނީ އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން، ކޮންމެ ބޭފުޅަކަށް ވަކިންނެވެ. އެގޮތުން، މުޙައްމަދު އިމްތިނާން ސަޢުދުﷲ، ހުޝާމް ވަހީދު، އިސްމާޢިލް ހަމްދޫން އަދި އަޙްމަދު ޢަލީ މީރާގެ ބޯޑަށް އައްޔަން ކުރެއްވުމަށް ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ނަން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއެވެ. މީރާގެ ބޯޑުގައި ޖުމްލަ 7 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ