އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ތަރައްޤީކުރަނީ

އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމަށްޓަކައި، ޗައިނާގެ ސީ.އެމް.އީ.ސީ (ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫޢެކެވެ. "އައްޑޫ ސިޓީގެ ލޮކޭޝަންއަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު" ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމެވެ. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

އެއްބަސްވުމުގެ ދަށުން، މަޝްރޫޢުގެ ތަފްޞީލީ މާސްޓަރ ޕްލޭނާއި، މާލީ އަދި އިޤްތިޞާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫޢު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިޤްތިޞާދު އާލާކޮށް، ގިނަ ފުރުޞަތުތަކެއް އުފެއްދުން ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޗައިނާ ދަތުރުފުޅުގައި ސޮއިކުރެވުނު 11 އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމެވެ. މި ދަތުރުފުޅުގައި ސޮއިކުރެވުނު އެހެން މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ޗައިނާގެ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ސޮއިކުރެވުނު އެއްބަސްވުންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ