އެމްއެމްސީއާއި ބްރޯޑްކޮމްއަށް މީޑިއާތަކުން އިތުބާރެއް ނުކުރޭ: ވަޒީރު އިބްރާހިމް ވަހީދު

ދިވެހިރާއްޖޭގެ މީޑިއާތަކުގެ ކަންކަން ބަލަހައްޓާ ދެ މުޢައްސަސާ ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށް މީޑިއާތަކުން އިތުބާރު ނުކުރާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބިލުގެ އެންމެ މުހިންމު އެއް ބަދަލަކީ މިހާރު ވަކިވަކިން ހިނގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައި، މީޑިއާގެ ކަންކަން ބެލެހެއްޓުމަށް އައު މިނިވަން ކޮމިޝަނެއް އުފެއްދުމެވެ. އައު ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ މީޑިއާތަކުން 4 މެންބަރުންނާއި އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 މެންބަރުންނެވެ.

"މިހާރުވެސް އައްސަވާ ޓީވީ ޗެނަލެއްގެ ވެރިއެއް ކައިރި އައްސަވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރު ކުރަންހޭ. ވިދާޅުވާނެ އިތުބާރު ނުކުރަމޭ. ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން އިތުބާރެއް ނުކުރޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ފާސްކޮށްފައިވާ ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދީ، ގިނަ އިސްލާހުތަކެއް ގެނެސްފައިވާ ބިލެކެވެ. އަދި ބިލުގެ ދަށުން ރާއްޖޭގައި މީޑިއާއެއް ހިންގޭނީ ރަޖިސްޓްރީކޮށްގެން ކަމަށާއި، ސޯޝަލް މީޑިއާ ނުވަތަ ކޮންޓެންޓް ކްރިއޭޓަރުންގެ މައްޗަކަށް މި ބިލު ނުހިނގާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ އިތުރުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިކަން ތަރައްޤީކުރުމަށް އަމާޒުކޮށް އައު މީޑިއާ ބިލެއް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. މި ބިލުގައި މީޑިއާތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ކަނޑައެޅިފައިވުމާއެކު، މީޑިއާ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެހޭނެއެވެ.

މީޑިއާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނޫސްވެރިން އެކްރެޑިޓް ކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމާއި، މީޑިއާތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުން ހިމެނެއެވެ. ސަރުކާރުން ހުށަހެޅި ގިނަ އިސްލާހުތަކަކާއެކު ފާސްކުރެވުނު މި ބިލުގައި ނޫސްވެރިން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ވަޒީރު އިބްރާހިމް ވަހީދު ވަނީ ޔަގީންކަން ދެއްވާފައެވެ.

މި ބިލު ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް މާއްދާއެއް ނުހިމެނޭކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ