މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ޕްރައިމަރީ ދިވެހި އަދި އިސްލާމް މާއްދާއިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތު އޮންނާނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކަނޑައެޅޭ ދާއިރާތަކުން މުދައްރިސްކަމުގެ ފުރަތަމަ ޑިގްރީއަށް ކިޔަވާ ފަރާތްތަކަށް މަހަކު 1500 ރުފިޔާގެ ސްޓައިޕެންޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސްޓައިޕެންޑް ލިބޭނީ ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ، އުމުރުން 40 އަހަރަށްވުރެ ހުގު، އަދި 2025 ޖެނުއަރީ 1 ގެ ފަހުން ކިޔެވުން ފަށާފައިވާ ދަރިވަރުންނަށެވެ. މީގެ އިތުރުން ޕްރައިމަރީ އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީނުވާ ކޯހެއް ކަމުގައިވުން ލާޒިމެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވާ ގޮތުގައި، މިހާރު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް 2400 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވެއެވެ. އޭގެ ތެރޭގައި ޕްރައިމަރީ ގްރޭޑްތަކަށް އެކަނި 250 މުދައްރިސުން ބޭނުންވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމާއި، މި ޕްރޮގްރާމް އަންނަ މަހު އިފްތިތާހުކުރެއްވުމަށް ހަމަޖެހިފައިވާކަމެވެ.



