އަހަރުގެ މިހާތަނަށް 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިޔަނަށް އަރައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ގެ ނިޔަލަށް ރާއްޖެއަށް 1،619،497 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5،998 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއީ 258،679 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެއީ 196،594 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 73.5 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައި ކަމަށްވާއިރު، އެއީ 21.8 އިންސައްތަ ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ހޮޓާތަކުގައި ކަމަށްވާއިރު، އެއީ 2.6 އިންސައްތަ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1،276 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ޖުމްލަ އެނދުގެ އަދަދު 64،719 އަށް އަރައެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒަށް ވާސިލުވުމަށް އަދި ބޭނުންވަނީ 600،000 އެއްހާ ފަތުރުވެރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ