މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން މިއަދު ހުކުމް އިއްވާފައިވަނީ 2 ދައުވާއަށެވެ. އަދި ބާކީ 5 ދައުވާގެ ހުކުމް އެހެން ދުވަހަކަށް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ތުހުމަތު ކުރައްވާފައިވަނީ، 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މައުމޫން ހުރިއިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި 3,106,189.38 ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި މި ފައިސާ އޭނާއާ ގުޅުންހުރި އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާ ގުޅުންހުރި ކުންފުނިތަކަށް ޖަމާކޮށްފައިވާކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި މައުމޫނާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި، އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުއެވެ. މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމި، މިއަދު އިއްވި ހުކުމާއެކު މައުމޫން ވަނީ ޖަލަށް ބަދަލުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކުރެވިފައިވާ އިތުރު 5 ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ