އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރގައި ރާއްޖެ އިޝްތިހާރުކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާ 2025 ގައި ބައިވެރިވެ، ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައި މި މަހުގެ 15 އިން 17 އަށް ބޭއްވުނު މި ފެއަރގައި، ވީއެމްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 20 ކުންފުންޏެއްގެ 32 މަންދޫބުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ 99 އަކަފޫޓުގެ ސްޓޭންޑެއް ވީއެމްސީއިން ވަނީ މި ފެއަރގައި ބަހައްޓާފައެވެ.

ވީއެމްސީގެ ސްޓޭންޑުގައި 22 ކައުންޓަރާއި، ތިން ފްލޯޓިންގ މޭޒުގެ އިތުރުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ކައުންޓަރެއް ބަހައްޓާފައިވާއިރު، ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖެއާ ގުޅޭ މަޢުލޫމާތުތަކުގެ އިތުރުން، "ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް" ވަނީ ހިއްސާކޮށްފައެވެ.

މި ފެއަރގެ ސަބަބުން އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި މީޑިއާތަކާއެކު ހަރުދަނާ ގުޅުމެއް އުފެއްދުމަށް މަގުފަހިވެގެންދިޔަކަމަށް ވީއެމްސީން ފާހަގަކޮށްފައިވެއެވެ. އަދި މި ފެއަރގައި ބައިވެރިވުމަކީ، އޭޝިއާ ޕެސިފިކް މާކެޓް ފުޅާކޮށް، ހުރިހާ ކެޓަގަރީއަކުންވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއްކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އޭޝިއާ އަދި ޕެސިފިކް މާކެޓުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާއިރު، މި މާކެޓަށް ޚާއްޞަކޮށްގެން ވީއެމްސީއިން ދަނީ ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، އަދި ތައިލޭންޑުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ