ބަނޑަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތާއެކު ބޮޑު ލުޔެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ބަނޑަށް ހޮޅި ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެކެވެ. އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހޮސްޕިޓަލުން ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 3 އަހަރުވެފައިވާއިރު، މީގެ ކުރިން މި ޚިދުމަތް ފޯރުކޮށްދެމުން އައީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލުތަކުގައި މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އައިޖީއެމްއެޗްއިން ހާމަކުރެއްވި ގޮތުގައި މި އޮކްޓޫބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވެއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ.

މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދާއިރު، މިހާރުވެސް ތަމްރީންވެފައިވާ 8 ނަރުހުން ތިބިކަމަށް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ. މިއީ ސިއްޙީ ދާއިރާއިން ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އައިޖީއެމްއެޗްއިން ދެކެއެވެ.

ޕެރިޓޯނިޔަލް ޑަޔަލިސިސްއަކީ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑަޔަލިސިސްއެކެވެ. މި ފަރުވާގައި ބަނޑަށް ކެތީޓަރު ހޮޅިއެއް ލެއްވުމަށްފަހު، ބަލިމީހާއަށް ހޮސްޕިޓަލުގައި އެތައް ވަގުތެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޑަޔަލިސިސް ހެދުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ބަލިމީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ