އައިޖީއެމްއެޗުގައި ގާއިމުކުރި އައިނު ފިހާރަ، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކުރި އައިނު ފިހާރަ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުއްވައިދެއްވާފައެވެ. މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލެއްވުމަށްފަހު، ފުރަތަމަ ޚިދުމަތް ލިބިގަތް ތިން ފަރާތަކަށް އައިނު ހަވާލުކޮށްދެއްވާފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، މި ފިހާރައިގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައިވާއިރު، ނަންބަރު ހެއްދުމާއި ލެންސް ހެއްދުމުގެ ޚިދުމަތުގެ އިތުރުން އެހެނިހެން ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެއެވެ. އަދި އާސަންދައިން ދެއްވާ 2000 ރުފިޔާގެ އިންޝުއަރެންސްގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ އައިނު ހެއްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލްތަކެއްގައިވެސް އައިނުގެ ޚިދުމަތް ފޯރުކޮށްދޭނަން" ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. އަދި މި އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިހާތަނަށް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައި ނުވިނަމަވެސް، ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް އެހީތެރިކަން ދެމުން އައިސްފައިވާކަމެވެ. ކުރިން ކޮންމެ ދެއަހަރުން އެއްއަހަރު 1000 ރުފިޔާގެ އެހީތެރިކަން ދެމުން އައި ނަމަވެސް، މިހާރު އެ އަދަދު 2000 ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި 36,000 އަށްވުރެ ގިނަ މީހުން އައިނު ހެއްދުމަށް އެހީތެރިކަން ހޯދާފައިވެއެވެ. އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވެފައި، އައިނު ހެއްދުމަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މި ޚިދުމަތް ފެށުމަކީ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ