2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ޚާއްސަކޮށްގެން "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ގެ ނަމުގައި ކައުންޓްޑައުން ޝޯއެއް މިރޭ ވަނީ ފަށައިފައެވެ.
ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ ނޮވެންބަރު މަހުގެ ނިޔަލަށެވެ. މި ހަރަކާތުގެ ދަށުން ޖެނަރޭޝަނަލް ބޭންއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެކަމަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެފަދަ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވެގެންދާނެއެވެ.
މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް ލިބިފައިވާ، ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައެވެ. އަދި އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ.
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެ ތަކެއްޗާއެކު ބޭނުންކުރާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް މި އިސްލާހުގެ ދަށުން މަނާވެގެންދާނެއެވެ. އަދި މިފަދަ ތަކެތި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށާއި، ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.