ދުންފަތް މަނާކުރާ ބިލް ރައީސް ތަސްދީގުކުރައްވައިފި

ޖެނެރޭޝަނަލް ބޭން އިސްލާހު ހިމެނޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވެފައި ވެއެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ގެޒެޓުގައި ޝާއިއު ކުރެއްވުމާއެކު، މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

1. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ.

2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.

3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.

4. މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ