ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަދީ ޤަވާއިދު އާންމުކޮށްފި

ދިވެހިރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދިނުމަށް ސަރުކާރުން ނިންމަވައި، އެކަމާ ގުޅޭ ޤަވާއިދު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.

މި މަސްވެރިކަން ހުއްޓާލާފައިވާތާ އަހަރުތަކެއް ވެފައިވާއިރު، މި ނިންމުމާއެކު މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސްގެ ދަށުން މަސައްކަތް ފެށުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމުގެ އިޢުލާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ މިއަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގައި މީގެކުރިން ފަރު މިޔަރު، ކަނޑު މިޔަރު އަދި ކަށި މިޔަރުގެ މަސްވެރިކަން ކުރިއެވެ. ނަމަވެސް، ކުރިން ކުރެވުނު ދިރާސާތަކެއްގެ އަލީގައި މިޔަރުގެ އާބާދީ މަދުވާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ކަށިމިޔަރުގެ މަސްވެރިކަން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް، ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންތައް އިވެމުންދާތީ، މި މަސްވެރިކަން އަލުން ފެށުމަށް ސަރުކާރުން ނިންމެވީއެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި ކަށިމިޔަރުގެ މަސްވެރިކަން ކޮށްގެން ގައުމަށް ބޮޑު ޢާމްދަނީއެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މިއީ އަގު އެއްކޮށްގެން އުފައްދާ ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ. ވުޒާރާއިން އާންމުކުރި ޤަވާއިދަކީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޤައުމީ ޕްލޭން ތަންފީޒުކުރުމާއި، މި މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ޤަވާއިދެކެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ލައިސަންސް އަދި ހުއްދަތައް

އާންމުކުރެވުނު ޤަވާއިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި، އެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަންވާނީ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ.

މި ޤަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ ގިނަވެގެން ޖުމްލަ 40 އުޅަނދަށެވެ. އަދި ލައިސަންސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. ލައިސަންސް ފީގެ ގޮތުގައި މަސްވެރިކަން ކުރާ އުޅަނދަށް އަހަރަކަށް 2000 ރުފިޔާ، ޕްރޮސެސްކުރާ ފަރާތްތަކަށް އަހަރަކަށް 5000 ރުފިޔާ، އަދި ސަޕްލައިކުރާ ފަރާތްތަކަށް އަހަރަކަށް 3000 ރުފިޔާގެ ފީއެއް ނެގޭނެއެވެ. މީގެ އިތުރުން، ކަށި މިޔަރުގެ މަސްކިރޭނީ ޖުމްލަ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.

ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަދީ، އެކަމާ ގުޅޭ ޤަވާއިދު އާންމުކޮށްފައިވާއިރު، މި މަސްވެރިކަން ކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ވަކި އުޞޫލުތަކާއި މަނާކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. މި ޤަވާއިދުގައި ވަނީ މަސްވެރިކަމުގެ ދާއިރާ ރަނގަޅަށް މެނޭޖުކުރުމަށްޓަކައި ޚާއްޞަ ބައެއް ކަންތައްތައް ކުރުން މަނާކަމަށް ބަޔާންކޮށްފައެވެ.

މި ޤަވާއިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް، ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީވެސް މަނާކަމެކެވެ. މީގެ އިތުރުން، ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެއް ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ޤަވާއިދާ ޚިލާފުވުމުގެ އަދަބުތައް

ކަށި މިޔަރުގެ މަސްވެރިކަމުގެ ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މަސްވެރިކަން ކަނޑައަޅާފައިވާ ސަރަހައްދު ނޫން ސަރަހައްދެއްގައި މަސްވެރިކަން ކޮށްފިނަމަ ނުވަތަ ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކޮށްފިނަމަ، ކެޔޮޅު، އޮޕަރޭޓަރ ނުވަތަ ލައިސަންސްގެ ވެރިފަރާތް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާކުރި އަދަދަށް 50,000 ރުފިޔާ އިތުރުކޮށް، ޖުމްލަ 4 ލައްކައާއި ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން، ސައްހަ ލައިސަންސްއެއް ނެތި ކަށި މިޔަރު މަސްވެރިކަން ކޮށްފިނަމަ، އެ ފަރާތެއް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ޤަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންތައްތަކާ ޚިލާފުވާ ހާލަތްތަކުގައިވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޤަވާއިދުގެ މަޤްޞަދަކީ ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، މި ދާއިރާގެ ހަރަކާތްތައް ރަނގަޅަށް ބެލެހެއްޓުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ